ޚަބަރު

އެމެރިކާއާއެކު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ ރިޔާސީ އިންތިޚާބަށް ފަހު: ސްރީލަންކާ ސަރުކާރު


ސްރީލަންކާއާ އެމެރިކާއާ ދެމެދު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީއާ ގުޅޭ އެއްބަސްވުމުގައި ސްރީލަންކާގެ ސަރުކާރުން ސޮއިކުރާނީ މި މަހު ބާއްވާ ރިޔާސީ އިންތިޚާބަށްފަހުކަމަށް ސްރީލަންކާގެ ސަރުކާރުން ބުނެފިއެވެ.

އެމެރިކާގެ މިލޭނިއަމް ޗެލެންޖް ކޯޕަރޭޝަންއާ ސްރީލަންކާގެ ސަރުކާރާ ދެމެދު ވާ މި އެއްބަސްވުމަކީ 480 މިލިއަން ޑޮލަރުގެ އުމްރާނީ ތަރައްޤީގެ އެކި އެކި މަޝްރޫޢޫތައް ހިންގުމަށް ގޮވާލާ އެއްބަސްވުމެކެވެ. މި މަޝްރޫޢުތަކުގެ ބޭނުމަކީ ސްރީލަންކާއިން ފަޤީރުކަން ނައްތާލާ އެ ޤައުމުގެ މަގުތައް ހަދާ ބިންތައް ބެހުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިޔުންކަމަށް ސްރީލަންކާ ސަރުކާރުންވަނީ ބުނެފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްރީލަންކާގެ މާލީވަޒީރު މަންގަލާ ސަމަރަވީރާ ވިދާޅުވީ އެމެރިކާއާއެކު ވާ މި އެއްބަސްވުމުގައި ސޮއިކުރާނީ ޤާނޫނުހަދާ މަޖިލީހުގެ ރުހުމާއެކުކަމަށާ މިކަމާ ގުޅުންހުރި މަޝްވަރާތައް ކުރިއަށް ގެންގޮސްގެންކަމަށެވެ. ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުން ސްރީލަންކާގެ މުހިންމު ބިންތަކެއްގެ ކޮންޓްރޯލް އެމެރިކާއަށް ލިބިގެންދާނެކަމަށާ މިކަމުން ސްރީލަންކާއަށް އެއްވެސް ފައިދާއެއް ނުލިބޭނެކަމަށެވެ.

މިކަން ދޮގުކުރައްވާ ވާހަކަދައްކަވަމުން ސްރީލަންކާގެ މާލީވަޒީރު ސަމަރަވީރާ ވިދާޅުވީ ސްރީލަންކާގެ އެއްވެސް ބިމެއް އެމެރިކާއަށް ނުދޭނެކަމަށާ މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ ޚަރަދުކުރުމުގެ ބާރު ލިބިގެންވަނީ ސްރީލަންކާއަށްކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ޝަރުތުކޮށްފައިވާ މައިގަނޑު ކަންކަމަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ޑިމޮކްރަސީގެ އުޞޫލުތައް ޙިމާޔަތްކުރުން އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.