ޚަބަރު

އިންފުލުއެންޒާ އެބަ އިތުރުވޭ ސަމާލުވޭ


މިދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިދިޔަ މަހުގެ މި މުއްދަތާ އަޅާ ބަލާއިރު މި މަހު އިންފުލެއެންޒާއަށް ޕޮޒިޓިވްވާ އަދަދާއި ޓެސްޓުކުރާ އަދަދު އިތުރުވަމުން އަންނަކަމަށެވެ. އެޗްޕީއޭއިން ވަނީ އިންޕްލުއެންޒާ އިތުރުވަމުން އަންނާތީ އެކަމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރުވެސް މި ރޯގާ ފެތުރިފައިވެއެވެ. އަދި މި ރޯގާގައި އެކަކު ވަނީ މަރުވެފައެވެ.

އިންފުލުއެންޒާ

އިންފުލުއެންޒާއަކީ އިންފުލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރުދަފުސް ރޯގާ ފަދަ ބައްޔެކެވެ. މި ބަލީގެ ސަބަބުން އާންމުކޮށް ގިނަ މީހުންނަށް ޖެހެނީ އާދައިގެ ރޯގާއެކެވެ. އެހެންނަމަވެސް މީގެ ތެރެއިން ބައެއް މީހުންގެ ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ. އާދައިގެ ރޯގާއާއި އިންފުލުއެންޒާ އެއްގޮތްވި ނަމަވެސް މީ ތަފާތު ދެ ވައިރަސްއަކުން ޖެހޭ ބައްޔަކެވެ. އެހެންނަމަވެސް އާދައިގެ ރޯގާއަށްވުރެ އިންޕުލުއެންޒާއިން ކުރާ އަސަރު ބޮޑެވެ.

އިންފުލުއެންޒާގެ އަލާމާތައް

މި ބަލީގެ އަލާމާތަތަކަކީ ހުންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމާއި ބޮލާއި ގައިގައި ރިއްސުން ފަދަ އާންމު ހުމެއްގެ އަލާމަތްތަކެވެ. ނަމަވެސް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ޙާލަތްތައްވެސް މެދުވެރިވެއެވެ.

އިންފުލުއެންޒާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއަޅާއިރު ވައިގެތެރެއަށްދާ އިންފުލުއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މިބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އޮންނާނީ ބަލިޖެހޭ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައިވާ ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު ނޭފަތުގައި އަތްލުމުންވެސް މި ޖަރާސީމު ހަށިގަނޑަށް އެތެރެވުމުގެ ފުރުޞަތު ބޮޑެވެ.

އިންފުލުއެންޒާ ޖެހިގެން ނުރައްކާވެދާނެ ފަރާތްތަކުގެ ތެރޭގައި:


• މާބަނޑުމީހުން
• އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތައް
• ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ އަދި ކެންސަރު ބައްޔަކަށް ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތައް
• ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރާ އުމުރުން 3އަހަރުން މަތީގެފަރާތްތައް
• ޑައިލެސިސް ހަދަމުންދާ ފަރާތްތައް
• އުމުރުން 65 އަހަރުން މަތީގެ ފަރާތްތައް (ޞިއްހީ މައްސަލައެއް ހުންނަ މީހަކު ނަމަ އެމައުލޫމާތު ދިނުން މުހިއްމު)
• އުމުރުން 6 މަހާއި 6 އަހަރާއި ދެމެދުގެ ކުޑަކުދިން (ދެވަނަ ޑޯޒް 4 ހަފުތާ ފަހުން ޖަހަންޖެހޭ)
• ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ ފަރާތްތައް

އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން

އިންފުލުއެންޒާ ވެކްސިން ޖެހޭނެ އެންމެ ޅަ އުމަރަކީ 6 މަހާއި 9 އަހަރާއި ދެމެދެވެ. އިންފުލުއެންޒާ ވައިރަސް އަކީ ކޮންމެ އަހަރަކުވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނަ ވައިރަސްއަކަށް ވުމުން ކޮންމެ ހަ މަހަކުން ވެކްސިންތަކަށްވެސް ބަދަލު ގެނެއެވެ.