ކުޅިވަރު

ދާދުގެ މެސެޖު ސަޕޯޓަރުނަށް - އެންމެން ތައްޔާރުވޭ، ޓީމް އޮތީ ތައްޔާރަށް


ދިވެހި ޤައުމީ ޓީމް އޮތީ ތައްޔާރަށްކަމަށާއި، ސަޕޯޓަރުންވެސް ފިލިޕީންސް މެޗާއި ގުއާމް މެޗަށް ތައްޔާރުވެތިބޭނެކަމަަށް އުއްމީދުކުރާކަމަށް ޤައުމީ ޓީމްގެ ފޯވާޑް ނާއިޒް ހަސަން ބުނެފިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށް ކުރިއަށް އޮތީ ވަރލްޑް ކަޕް ކޮލިފައިންއާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅޭނެ އެންމެ މުހިންމު ދެ މެޗެވެ. ނޮވެމްބަރު 14ގައި ފިލިޕީންސްއާއި ވާދަކުރާއިރު، 19 ނޮވެމްބަރުގައި ދިވެހި ޓީމް ނިކުންނާނީ ގުއާމްއާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗަށް ދިވެހި ޓީމް އަންނަނީ މެލޭޝީޔާގައި ތަމްރީން ހަދަމުންނެވެ

ޤައުމީ ޓީމްގެ ހުނަރުވެރި ފޯވާޑް ނާއިޒް ހަސަން ބުނީ ފިލިޕީންސް މެޗުގެ މުހިންމުކަން އެންމެންނަށްވެސް އިނގޭކަމަށާއި، ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ. އުއްމީދަކީ ސަޕޯޓަރުންވެސް ކުޅުންތެރިންނެކޭ އެއް ގޮތަށް ޤައުމީ ޓީމަށް ސަޕޯޓުކުރުމަށް ތައްޔާރުވުމަށް އެދޭކަމަށް ނާއިޒް ބުންޏެވެ.

ނާއިޒް ބުނީ މެލޭޝިޔާ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ފިލިޕީންސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދުކުރާކަމަށެވެ. އޭނާ ބުނީ މެލޭޝިޔާ މެޗުގައި ޓީމުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނުނުކަމަށާއި، އެ ކުޅުން ފިލިޕީންސް މެޗުގައި ތަކުރާރުކުރަން ޓީމުން އިތުރަށް ތައްޔާރުވާނެކަމަށެވެ. އަދި މި ތަމްރީން ދަތުރުގެ ސަބަބުން ޓީމްގެ ރޫހު ރަނގަޅުވެ އިތުރަށް ޓީމެއްގެ ގޮތުގައި ކުޅުންތެރިންގެ ގުޅުން ބަދަހިވެއްޖެކަމަށްވެސް އޭނާ ބުންޏެވެ.

"ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ޤައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން މިތިބީ ތައްޔާރަށޭ ކުރިއަށް މިއޮތް ދެ މެޗު ކާމިޔާބުކުރަން، ސަޕޯޓަރުންވެސް ތައްޔާރުވާށޭ ދަނޑަށްވަދެ އަޅުގަނޑުމެންނަށް ސަޕޯޓްދޭން. ވީހާވެސް ގިނަ ބަޔަކު އަންނާނެކަމަށް އުއްމީދުކުރަނީ ސަޕޯޓްކުރަން"