ވިޔަފާރި

އިނގިރޭސިވިލާތުން ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައި އިތުރަށް އިޝްތިހާރުކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރާއި އިނިގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށްދިޔައީ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ވަޑައިގެން ބޭއްވެވި މަޝްވަރާތަކުގައެވެ.

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއާއެކު ޓޫރިޒަމް މިނިސްޓަރ ބޭއްވެވި މަޝްވަރާތަކުގައި އިނގިރޭސިވިލާތުގައި ރާއްޖޭގެ ފަތުރުވެރިިކަން އިޝްތިހާރުކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަން އިތުރުކުރުމަށް ޔޫރަޕްގެ ބައެއް އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި ފަންނާނުނަށް އިނގިރޭސިވިލާތުން އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް ޓޫރިޒަމް މިނިސްޓަރއާއި ޑރ. ފަރަހަނާޒް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑރ. ފަރަހަނާޒް ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް މިހާރަށް ވުރެ ގިނައިން ފަތުރުވެރިން ގެންދިއުމަށް ކުރެވޭނެ މަސައްކަތްތަކާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރާ މަޝްވަރާކޮށްފައެވެ. އަދި އެކަމުގައި ދިމާވާ ގޮންޖެހުންތައް ޓޫރިޒަމް މިނިސްޓަރާ ޙިއްސާކުރެއްވިއެވެ. ޓޫރިޒަމް މިނިސްޓަރ ވަނީ ފަތުރުވެރިކަން ކުރިއެރުވުމުގައި އެމްބަސީން ކުރާ މަސައްކަތްތަކުގައި ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާ، އެކަންކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރަށް އަރުވާފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮތް މިބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިސްބޭފުޅުންނާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑަައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ ނައުޝާދު ވަޙީދުއާއި އެމްބަސީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.