މުނިފޫހިފިލުވުން

" ލާލް ސިން ޗައްޑާ" ޕްރޮޑިއުސަރުންގެ ލިސްޓަށް ޝާހުވެސް


އާމިރުހާން އުފަންދުވާއި ދިމާކޮށް އޭނާގެ އާ ފިލްމު އިއުލާންކުރުމާއި އެކު ގިނަ ބަޔަކު ތިބީ އެ ފިލުމު ނުކުންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. " ލާލް ސިން ޗައްޑާ" ގެ ނަމުން ނަންދީފައިވާ މި ފިލުމަކީ 1994 ވަނަ އަހަރު އެތައް އޮސްކާ އެވޯޑްތަކެއް އުފުލާލި ކާމިޔާބު ހިޓް "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރީމޭކެވެ.

ޓޮމް ހޭންކްސްގެ ރޯލުން އާމިރު ފެނިގެންދާނެ މި ފިލަމާއި އެކު ފިލްމުގެ ވާހަކަތައް މިވަނީ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރާފައެވެ. އާމިރާއި އެކު މި ފިލުމުން ދެން ފެނިގެންދާނީ ކާރީނާ ކަޕޫރުއެވެ.

މި ފިލްމުގެ ވާހަކަތަކަށް އެންމެ ފަހުން އިތުރުވީ މަޝްހޫރު އެކްޓަރ ޝާހުރުކްހާންގެ ފިލްމް ކުންފުނި ރެޑް ޗިލީޒް މި ފިލްމްގެ ޕްރޮޑިއުސަރުންގެ ލިސްޓްގައި ހިމެނު ވާހަކައެވެ.

" ލާލް ސިންގް ޗައްޑާ" ގެ ނަން އާމިރު ވާނީ އޭނާގެ ޓްވިޓަ މެދުވެރިކޮށް ފޭނުންނަށް ދައްކާލާފައެވެ. ފިލްމުގެ ނަން އާމިރު ދައްކާލީ ފިލްމުގެ ލަވައެއްގެ ތަންކޮޅަކާއި އެކުއެވެ. އާމިރުގެ ޓްވީޓްގައި ބުނެފައިވަނީ ވާހަކައިގައި އަހަރެން ހިމެނޭ ބާ އެވެ.
މި ޓްވީޓާއި އެކު ޝާހުރުކްހާން އާމިރުގެ ފިލްމްގެ ޕްރޮޑިއުސަރުންގެ ލިސްޓްގައި ހިމެނުނުކަން ހާމަކުރުމުގެ ގޮތުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ ވާހަކައިގައި އަހަރެން ވޭ މިހެންނެވެ. އަދި ފިލްމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ ފަހްރުވެރިވާކަމަށްވެސް ޝާހުރުކް ބުނެފައިވެއެވެ.

އާމިރު ހާންގެ " ލާލް ސިންގް ޗައްޑާ" ޑައިރެކްޓް ކުރަނީ އާމިރު ފެނިގެން ދިޔަ ސުޕަސްޓަރގެ ވެސް ޑައިރެކްޓަރ އަދުވެއިތް ޗަންދަން އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ކްރިސްމަސްއާއި ދިމާކޮށެވެ.