ވިޔަފާރި

ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ޖާޒީގައި ރާއްޖެ އިޝްތިހާރުކުރަނީ


ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ޖާޒީގައި ރާއްޖެ އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް" ލޯގޯ ޖެހުމަށް ވިސްނަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އަލީ ވަޙީދު ވިދާޅުވީ ރާއްޖެ ތަމްސީލްކުރުމަށް ޤައުމުން ބޭރަށްދާ ޓީމުތަކަކީ ރާއްޖޭގެ އިޝްތިހާރުކޮށްދޭނެ ސަފީރުންތަކެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރަށް ކުޅިވަރު މުބާރާތްތަކަށް ދަތުރުކުރާ އެކިއެކި ޓީމުތަކުގެ ޖާޒީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް ލޯގޯ ޖެހުމަށް ވިސްނަމުންދާކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުން އެބަހުރި ރާއްޖޭގެ ހުރިހާ ކުޅިވަރެއްވެސް ވަރަށް މުހިއްމު. ރާއްޖޭގެ ޤައުމީ ޓީމުތައް އެއީ ރާއްޖޭގެ އެމްބެސެޑަރުން ދިވެހި ޤައުމުގެ ފަހުރު އެއީ. އަޅުގަނޑުގެ ވިސްނުން އެބަހުރި ރާއްޖޭގެ ހުރިހާ ކުޅިވަރެއް، ދިވެހިރާއްޖޭގެ ތަމްސީލްކުރަންދާ ހުރިހާ ޓީމުތައްވެސް ވިސިޓް މޯލްޑިވްސް ޖަހާފައި ހުންނަ ޖާޒީ ލާތަން ދެކުން ނުވަތަ އެމީހުންގެ ޓްރެވަލް ކިޓްގައި ރާއްޖެ އިޝްތިހާރުކުރަން ބޭނުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގައި ހަމައެކަނި އިސްކަންދޭނީ ފުޓްބޯޅަ ޓީމުތަކަށް ނޫންކަމަށާއި ރާއްޖޭގެ އެހެން ހުރިހާ ކުޅިވަރަކަށްވެސް އިސްކަންދެއްވާނެކަމަށެވެ.

""އަޅުގަނޑު ދެކޭ ގޮތުގައި އެއީ ޓުއަރިޒަމް މިނިސްޓްރީއަށްވެސް ނުވަތަ ޓުއަރިޒަމް ސިނާޢަތަށްވެސް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް. އެކި އެކި ކޫޅިވަރު، ފުޓްބޯޅަ އެކަންޏެއް ނޫން، ޓީޓީ ވިޔަސް، ނެޓްބޯޅަ ވިޔަސް، ހެންޑްބޯޅަ ވިޔަސް، ބޮޑީބިލްޑިންގ ވިޔަސް، މިހެން ދަންނަވާނެކަމެއް ނެތް، މިހުރިހާ ކުޅިވަރުތަކެއްގައި. ކުޅިވަރަކީ ކުޅިވަރެއް ނޫން، އެއީ އެއަށްވުރެ ބޮޑު އެއްޗެއް، އަދި ފަތުރުވެރިކަމަކީ ހަމައެކަނި ފަތުރުވެރިން ގެންނަން އިޝްތިހާރުކުރުމުގެ އިތުރަށް މުޅި ޖަމާއަތަށް މުޅި ރައްޔިތުންނަށް ފައިދާވާ ގޮތަށް، ކޮންމެ ފައިސާ ފޮއްޗެއްގެވެސް ދެ ފުށް އޮންނަ ގޮތަށް މަސައްކަތްކުރަން ބޭނުންވަނީ. ދިވެހިރާއްޖެއަށް ލިބޭ ފައިދާއާ އެއްގޮތަށް ޤައުމަށް ލިބޭ އާމްދަނީއާއި، ރައްޔިތުންނަށް އެކަންކަމުން ލިބޭނެ ފައިދާއާއި ކުރިއެރުމަށްވެސް ބަލާނަން" މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، އިތުރަށް އިޝްތިހާރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދާދިފަހުން ޓުއަރިޒަމް މިނިސްޓްރީން ވަނީ ސްޕެނިޝް ލަލީގާގެ ސެލްޓަވީގޯ ކްލަބްގެ ޖާޒީގައި ރާއްޖެ އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ގޮތަކަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.