ޚަބަރު

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަމަށް ލޭބަރ ޕާޓީގެ ހޮއިލް ހަމަޖައްސަވައިފި


އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ކަމަށް އެ ޤައުމުގެ ލޭބަރ ޕާޓީގެ އިސް އޮފިޝަލު ލިންޑްސީ ހޮއިލް އިނގިރޭސި ޤާނޫނުހަދާ މަޖިލީހުން ހަމަޖައްސަވައިފިއެވެ. ހޮއިލް މި މަޤާމަށް ހަމަޖައްސަވާފައިވަނީ ވޭތުވެދިޔަ ދިހަ އަހަރުވަންދެން މި މަޤާމު ފުރުއްވާފައިވާ ޖޯން ބަރކައު މި މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ.

މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އުމުރުން 62 އަހަރުގެ ހޮއިލް ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ކަންކަން ނިންމެވުމުގައި ވަކި ފަރާތަކަށް ނުޖެހޭނެކަމަށާ މި ކަމުގެ ޒިންމާތައް އަދާކުރައްވާނީ ދެ ފުށް ފެންނަ ގޮތަށްކަމަށެވެ. ހޮއިލް ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަމާ އޭނާ ޙަވާލުވެވަޑައިގަތުމުން ޤާނޫނުހަދާ މަޖިލީހަށް ބަދަލުތަކެއް އަންނާނެކަމަށާ މި ބަދަލުތައް ވާނީ ފައިދާ ހުރި ބަދަލުތަކަކަށްކަމަށެވެ.

އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅެއްގެ އެންމެ މުހިއްމު ޒިންމާއަކީ ތަޅުމުގައި ހިނގާ ބަހުސްތައް ހަރުދަނާ ގޮތެއްގައި ވަކި އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. ވޭތުވެދިޔަ މަސްތަކުގައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތަޅުމުގައި އެންމެ ވާދަވެރިކޮށް ކޮށްފައިވާ ބަހުސްތަކަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ބަހުސްތަކެވެ. ހޮއިލް މި މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހުވެސް ދެން އެންމެ އަވަހަށް ތަޅުމުގައި ކުރިއަށް ގެންދާނީ މިކަމާ ގުޅޭ ބަހުސްތައްކަމަށް ބެލެވެއެވެ.

2016ވަނަ އަހަރު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ރުހުންދީ އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ހަޤީޤަތަކަށް ހެދުމަށް މިހާތަނަށް ޤާނޫނުހަދާ މަޖިލީހަށް އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ ހުރިހާ އެއްބަސްވުމަކަށްވެސް ޤާނޫނުހަދާ މަޖިލީހުންވަނީ ރުހުން ދިނުމަށް ދެކޮޅުހަދާފައެވެ.