ޚަބަރު

ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވްއަށް އިތުބާރު އެބައޮތްކަމަށް ޗައިނާގެ ރައީސް ވިދާޅުވެއްޖެ


ހޮންގްކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމްއަށް ޗައިނާގެ މައި ސަރުކާރުގެ އިތުބާރު އެބައޮތްކަމަށް ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ޝެންހާއީގައި ލާމްއާ ބައްދަލުކުރައްވައި ޝީޖިންޕިންގް ވިދާޅުވީ ހޮންގްކޮންގްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަރުކަށި ޢަމަލުތައް ހުއްޓުވައި، އަލުން ހަމަޖެހުން ޤާއިމުކުރުމަކީ ހޮންގްކޮންގްގެ ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ ކަންތައްކަމަށެވެ. ލާމް ޗައިނާއަށް ވަޑައިގެން އުޅުއްވަނީ ޝެންހާއީގައި ކުރިޔަށްދާ ޗައިނާ އިންޓަނޭޝަނަލް އިންޕޯޓް އެކްސްޕޯގެ ދެވަނަ މައުރަޒުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިދިޔަ ޖޫންމަހުން ފެށިގެން ހޮންގްކޮންގްގައި މުޒާހަރާ ކުރާމީހުން އެދޭ ކަންތައްތަކުގެ ތެރޭގައި ލާމް މަޤާމުން އިސްތިޢުފާ ދެއްވުންވެސް ހިމެނެއެވެ. ނަމަވެސް ޗައިނާ ސަރުކާރުންވަނީ ލާމް އިސްތިޢުފާނުދެއްވާނެކަމަށް ބުނެފައެވެ.

ހޮންގްކޮންގްގެ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ޝީ ވަނީ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ހޮންގްކޮންގްގައި ސުލްޙަ ޤާއިމުކުރުމަށް އެ ސަރަޙައްދުގެ ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ބަޔާންކުރައްވައި އެކަމަށް ތަޢުރީފްކުރައްވާފައެވެ. ހޮންގްކޮންގްގައި މުޒާހަރާކުރާ ފަރާތްތަކުން އެކިކަންކަމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު އޭގެ ތެރޭގައި އެ ސިޓީގައި ޗައިނާގެ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް އިތުރުވާކަމަށް ބުނެ، އުފުލަމުންދާ އަޑުތައްވެސް ހިމެނެއެވެ.

މުޒާހަރާކުރާ މީހުން އެދޭ ކަންކަމަށް މާ ބޮޑު ސަމާލުކަމެއްނުދީ ޗައިނާއިންވަނީ މުޒާހަރާކުރާ ފަރަތްތަކާމެދު ކެތްތެރިކަން ކޮޅުންލަމުންދާކަމަށްބުނެ، މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރަން ފަސްނުޖެހޭނެކަމުގެ އިންޒާރުދީފައެވެ.