ކުޅިވަރު

ގިނަ ހަމަލާތައް އުފެއްދި ނަމަވެސް 2-1އިން މެލޭޝިޔާ އަތުން ދިވެހި ޓީމް ބަލިވެއްޖެ


މެލޭޝިޔާ ތަމްރީން ދަތުރުގައި އެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުން ދިވެހި ޓީމް ބަލިވެއްޖެއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންއަށް ތައްޔާރުވާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް މެލޭޝިޔާގެ ޤައުމީ ޓީމް އަތުން ބަލިވީ ދޭއް އެކަކުންނެވެ. މިމެޗުގައި ކޯޗުވަނީ ދިވެހިރާއްޖޭގެ ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތުދީފައެވެ.

30 މިނެޓުގެ ތިން ހާފު ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ މެލޭޝިޔާއިން. އެހެންނަމަވެސް މުޅި މެޗުގައި ދިވެހި ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް މެލޭޝީޔާގެ ގޯލާއި އަމާޒުކުރިއެވެ. އެގޮތުން މެލޭޝިޔާގެ ގޯލަށްފަހު ރާއްޖޭގެ ހަމްޒާ މުޙައްމަދު ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އިބްރާހިމް މަހުދީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ދިވެހި ޓީމުން ނަތީޖާ އެއްވަރުކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީއަށެވެ. އޭނާ ފޮނުވާލި ހަމަލާ މެލޭޝިޔާގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޙުމަދު ރިޒުވާންއެވެ. އޭގެ ފަހުން ނާއިޒް ހަސަން، އަސަދުﷲ އަބްދުﷲއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ.

މެލޭޝިޔާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑް ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލަކުންނެވެ. މި ޕެނަލްޓީއަކީ ރާއްޖޭގެ ޑިފެންޑަރ މުޙައްމަދު ސަމްދޫހު މެލޭޝިޔާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެލޭޝިޔާގެ ދެވަނަ ގޯލަށްފަހުވެސް ދިވެހި ޓީމަށް އެއްވަރުކުރަން ފުރުސަތުތައް ލިބުނެވެ. އަހުމަދު ރިޒުވާން ފޮނުވާލި ބޮލުން ފޮނުވާލި ބާރު ހަމަލާ ހުށިޔާރުކަމާއިއެކު މެލޭޝިޔާގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން އަސަދުﷲ، ހަސަން ނަޒީމް އަދި ރިޒުވާން ފޮނުވާލި ހަމަލާތައް ގޯލާއި އަމާޒެއް ނުވިއެވެ.

މި މެޗު ބައްލަވައިލެއްވުމަށް ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް އަލީ ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ. އަދި އެކަމަނާވަނީ މެޗަށްފަހު ކުޅުންތެރިންނާއި ބައްދަލުކުރައްވާފައެވެ.