މުނިފޫހިފިލުވުން

އަމްރިޝް ޕޫރީގެ ކާފަ ދަރިވެސް ބޮލީވުޑަށް


ބޮލީވުޑްގެ އެންމެ މަޝްހޫރު ވިލަން އަމްރިޝް ޕޫރީގެ ކާފަ ދަރި ފިލްމީ ދުނިޔެއަށް ތައާރަފުވާ ފިލްމުގެ ޓެރެއިލަރ ދައްކާލައިފިއެވެ. އަމްރިޝް ޕޫރީގެ ކާފަ ދަރި ވަރުދާން ޕޫރީ ފިލްމީ ދާއިރާއަށް ނުކުންނަނީ " ޔޭ ސާލީ އާޝިޤީ " މި ފިލްމުންނެވެ.

ރޮމޭންޓިކް ތްރިލަރ " ޔޭ ސާލީ އާޝިޤީ " ކާސްޓްގެ ތެރޭގައި ވަރްދާންގެ އިތުރުން ޝިވާލިކާ އޮބްރޯއީ އާއި ރުލްސާން މުމްތާޒުއެވެ.

ޗެރާގް ޑައިރެކްޓަރ ކުރާ މި ފިލްމް ސްކްރީންތަކަށް އަންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މި ފިލްމްގެ ޑައިރެކްޓަރ ޗެރާގް އަކީ މަޝްހޫރު ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭގެތެރޭގައި " ލަފަންގޭ ޕަރިންދޭ" "އިޝްގަޒާދާ" "ޝުދް ދޭސީ ރޮމޭންސް" އަދި "ދާވަތޭ އިޝްގް" ހިމެނެއެވެ.

މި ފިލްމުގެ ޓެރެއިލަރ އިއްޔެ ނެރެފައިވާއިރު ޓެރެއިލަރ އިން ފެނިގެންދަނީ މަރެއްގެ މައްސަލާގައި ވަރްދާން އާއި ފުލުހުން ސުވާލުކުރާތަނެވެ. ޓްރެއިލަރ ބަލާލުމުން މީ އެކުގައި ލޯބިން އުޅުނު މީހެއްގެ މަރާއި ގުޅިގެން އުފެދޭ ސުވާލުތަކެއް މައްޗަށް ބިނާކޮށްފައިވާ ވާހަކައެކަން އެނގެއެވެ.

މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ އަމްރިޝް ޕޫރީގެ ހުރި އަމައެކަނި ފިރިހެން ދަރިފުޅު އަދި ވަރްދާންގެ ބައްޕަ ރަޖީވް އަމްރިޝް ޕޫރީއެވެ. މީގެއިތުރުން މި ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޑރ ޖަޔަންތިލާލް ގަޑާސް ޕެން އިންޑިއާ ލިމިޓެޑް ހިމެނެއެވެ.

ކުރިން މި ފިލްމަށް ކީ " ޕާގަލް" އެވެ. އެހެންނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން ދިމާވި މައްސަލަތަކަށް ފަހު ފިލްމުގެ ނަން " ޔޭ ސާލީ އާޝިޤީ " ބަދަލުކުރީއެވެ.

އަމްރިޝް ޕޫރީގެ ކާފަ ދަރި ވަރުދާން ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމު ނުކުންނަން ތައްޔާރުވެފައިވާއިރު ކުރީގެ ބައެއް ތަރިންގެ ދަރިން މި އަހަރު އަންނަނީ ފިލްމީ ދާއިރާއަށް ތައާރަފުވަމުންނެވެ. މިގޮތުން ސަނީ ޑިއޯލް އަދި ދަރޭގެ ކާފަ ދަރި ކަރަން ޑިއޯލާއި ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ ޕާންޑޭއާއި ޖާވިދު ޖެޕްރީގެ ދަރި މީޒާން ޖެޕްރީއާއި މޮހޮނިޝް ބާލްގެ ދަރި ޕްރަނޫޓާން ބާލް ހިމެނެއެވެ.