މުނިފޫހިފިލުވުން

"ޕާނިޕަޓް"ގެ ޕޯސްޓަރާއި ޓްރެއިލަރ ބޮޑު ތަރުހީބެއް

ހަނގުރާމަވެރިއެއްގެ ރޯލުން އަރުޖުން ކަޕޫރު ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމް "ޕާނިޕަޓް" ގެ ޕޯސްޓަރާއި ޓްރައިލަރ ދައްކާލައިފިއެވެ.

އަރުޖުން ކަޕޫރުގެ އިތުރުން މި ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ކްރިތީ ޝެނޮން ފެނިގެންދާނެއެވެ. މި ތަރިންގެ އިތުރުން މި ފިލްމުން ކުރީގެ ބައެއް މަޝްހޫރު ތަރިންތަކެއްވެސް ފެނިގެންދާނެއެވެ. އޭގެތެރޭގައި ޒީނަތު އަމަން އާއި މޮހޮނިޝް ބޭލް އާއި ފަދްމީނީ ކޯލަ ޕުރީވެސް ހިމެނެއެވެ. އަދި ކުރީގެ އެކްޓަރ ޝަޝީ ކަޕޫރުގެ ދަރިފުޅު ކުނާލް ކަޕޫރުވެސް ހިމެނެއެވެ.

1761 ވަނަ އަހަރު ހިނގި ތާރީހީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް ހަދާ މިފިލްމުގައި ސަންޖޭދަތު ފެނިގެންދާނީ އަފްގާނިސްތާނުގެ ރަސްގެފާނެއްކަމަށްވާ އަހްމަދު ޝާހު އަބްދަލީގެ ރޯލުންނެވެ.

މި ފިލްމުގެ ޓްރެއިލަރ އާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ވަނީ 7 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އަޝުތޯސް އެވެ. އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި އާމިރުހާންގެ ހިޓް " ލަގާން" އާއި ޝަހުރުކްހާން ހިޓް " ސްވަދޭސް " އާއި ރިތިކްގެ ހިޓް "ޖޯދާ އަކްބަރު" ހިމެނެއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 6 ވަނަދުވަހުއެވެ.