ޚަބަރު

އެމްޑީއެން އުވާލަން ނިންމައިފި


މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފިއެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ޔޫތު މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ޖަމްޢިއްޔާ ސަސްޕެންޑްކޮށްފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމު ދީނަށް ތަހުހީނުކުރުމުގެ ގޮތުން ފާޑުކިޔާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ އެ އިދާރާއިން ކުރި ތަހުޤީގަށް އެމްޑީއެން ރިޕޯޓްގައި އިސްލާމު ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޔޫތް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ.

ޖަމްޢިއްޔާތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީން މިއަދު ޢާންމު ކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފް ވާހަކަތައް ހިމަނާފައިވާކަން ކަށަވަރުވެފައިވާކަމަށެވެ. އެހެންކަމުން އެމްޑީއެންގެ ރަޖިސްޓްރީ އުވާލަން ނިންމާފައިވާކަން އެ ޖަމްޢިއްޔާއަށް އަންގާފައިވާކަމަށާއި، އެ ޖަމްޢީއްޔާ އުވާލުމަށްޓަކައި އެ ޖަމްޢިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖައްސުމަށް 45 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު އުވާލަން ނިންމާފައިވާކަމަށެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާލުކޮށް އެ ޖަމްޢިއްޔާ އުވާލުމަށް ގޮވާލާފައެވެ. އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.