ވިޔަފާރި

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ބަޖެޓްގައި ހިމަނައިފި


ސިނގިރޭޓުން ނަގާ ޑިއުޓީ 3 ރުފިޔާއަށް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ އައު ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ވަނީ ނިންމާފައެވެ.

ސިނގިރޭޓުން މިހާރު ޑިއުޓީގެ ގޮތުގައި ނަގަނީ ސިނގިރޭޓަކުން 2 ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި މިއަދަދު ވަނީ 1 ރުފިޔާ އިތުރުކޮށް ކޮންމެ ސިނގިރޭޓަކުން 3 ރުފިޔާ ނެގުމަށް ނިންމާފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ވަނަ އަހަރުއެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ އާ ކަންތައްތަކުގެ ތެރޭގައި ކަސްޓަމްސްގެ ފީތަކާއި އިމްޕޯޓް ޑިއުޓީއަށް ގެންނަ ބަދަލުތައް ހިމެނެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަދަލެއް އަންނާނީ ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީއަށެވެ.

އިމްޕޯޓު ޑިއުޓީއާއި ކަސްޓަމްސް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.