ކުޅިވަރު

މުޅި ޓީމްގެ އަމާޒަކީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުން، އެއްވެސް އިތުރު ވިސްނުމެއް ނެތް: އަސަދުﷲ


ހުރިހާ ކުޅުންތެރިންވެސް ތިބީ އެހެން އެއްވެސް ކަމަކާއި ނުވިސްނައި ކުރިއަށް މި އޮތް މުހިންމު ދެ މެޗު ކާމިޔާބުކުރަން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވާންކަމަށް ޤައުމީ ޓީމްގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސް އަދި ގުއާމްއާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅެން އޮތް މެޗަށް ދިވެހި ޓީމް އަންނަނީ މެލޭޝިޔާގައި ތައްޔާރުވަމުންނެވެ. މެލޭޝިޔާގެ ތަމްރީންތަކުގެ ތެރެއިން ވާހަކަދައްކަމުން ފޯވާޑް އަސަދުﷲ އަބްދުﷲ ބުނީ ހުރިހާ ކުޅުންތެރިންގެ ވިސްނުން ހުރީ ކުރިއަށް މިއޮތް ދެ މެޗަށްކަމަށެވެ.

އަސަދުﷲ ބުނީ ތަމްރީން ދަތުރުގައި ޓީމްގެ އެންމެންގެ ގުޅުން ވަރުގަދަވެ ވަރަށް ބޮޑަށް އެންމެންގެ ބައިވެރިވުން މިކަމުގައި ފެންނަކަމަށެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކީ އެހެން އެއްވެސް ކަމަކާއި ނުވިސްނައި ކުރިއަށް މި އޮތް މުހިންމު ދެ މެޗު ކާމިޔާބުކުރަން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވުންކަމަށެވެ.

އެންމެ ފަހުން ގަލޮޅު ދަނޑުގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲވަނީ ގޯލް ޖަހާފައެވެ. އެ މެޗުގައި ރާއްޖޭގެ ދެވަނަ ލަނޑު އަސަދުﷲ ޖެހީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލިބުނު ފުރަތަމަ ބޯޅައިންނެވެ.

ފޯވާޑް އަސަދުﷲ ބުނީ ފިލިޕީންސް ކޮޅަށް މީގެ ކުރިން ގޯލް ޖެހުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، އަނެއްކާވެސް އަމިއްލަ ދަނޑުގައި ނިކުންނައިރު ލިބޭ ބޮޑު އިތުބާރެއްކަމަށެވެ. އަދި ރާއްޖޭގެ ސަޕޯޓަރުންގެ އެހީއާއިއެކު މި މެޗުން މޮޅުވެވޭނެކަމުގެ އުއްމީދުގައި ހުރިކަމަށް އަސަދުﷲ ބުންޏެވެ.

" ކުރިއަށް މިއޮތް ދެ މެޗަށް ރެޑީ މިވަނީ އެހެން އެއްވެސް ކަމެއް ބޮލުގަ ނެތި ހަމައެކަނި އެ ދެމެޗަށް. ކުރިއަށް އޮތް ދެ މެޗަށް ރެޑީވާން ހުރިހާ ކުޅުންތެރިންނަށްވެސް މި ޓްރެއިނިންގ ކޭމްޕް ވަރަށް މުހިންމު މި ކޭމްޕް. މިގޮތަށް ކޭމްޕްކުރީމަ ޓީމް ވަރކް ވަރަށް ރަނގަޅުވާނެ، އޭގެ އިތުރުން ކޯޗު ބޭނުން ހުރިހާ ގޮތަކަށް ޕްރެކްޓިސްތަކާއި މުޅި ޓީމް ބައްޓަންކުރަން ވަރަށް މުހިންމު މިކޭމްޕް."