ޚަބަރު

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކި ކުރެވޭނީ ސަރުކާރު ޚިޔާރުކޮށްފައިވާ ގޮތަށް އެކަނި: އިނގިރޭސި ބޮޑުވަޒީރު


މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އިނގިރޭސި ސަރުކާރުން ނާކާމިޔާބުވުމަކީ ހިތާމަކުރައްވާކަމަށާ އެހެންނަމަވެސް މިކަން ޙާޞިލްވާން އޮތީ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުންކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެން ޖޮންސަން މީގެކުރިންވަނީ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރާނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، މިކަމަށް ކަނޑައަޅާފައިވާ މުޙުލަތު އަންނަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ވިލާތުގެ އިއްތިޙާދުގައި އެދިވަޑައިގަތުމަށް ޖޮންސަންއަށް މަޖުބޫރުވާފަދަ އިސްލާޙެއް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުން މިދިޔަ މަހު ވަނީ ފާސްކޮށްފައެވެ. ޖޮންސަން ވިދާޅުވީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން ފަސްވި ނަމަވެސް މިކަން ޙާޞިލްވާނީ އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމަށް އެއްބާރުލުން ދީގެންކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި، އިނގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޖޯ ސްވިންސަން ވިދާޅުވީ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމުގައި ލިބުނު ނާކާމިޔާބީގެ ޒިންމާ އުފުއްލަން ޖެހިވަޑައިގަންނަވާނީ ޖޮންސަންކަމަށާ މިކަމުގައި އެއްބަސްވުމަކާނުލާވެސް ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރާނެކަމަށް ވިދާޅުވެ، ޖޮންސަން ވާހަކަދައްކައިގެން ނުވާނެކަމަށެވެ.