ފިލިޕީންސްއާއި ދެކޮޅަށް ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް ޤައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރު ބުނެފިއެވެ.
ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ފިލިޕީންސްއާއި ވާދަކުރާ މެޗަށް ތައްޔާރުވުމަށް އަންނަނީ މެލޭޝީޔާގައި ތަމްރީން ހަދަމުންނެވެ. ރަސްމީ މުބާރާތެއްގައި ފިލިޕީންސްއާއި ދެކޮޅަށް ދިވެހި ޓީމް ކުޅެފައިވާ ހަމައެކަނި މެޗަކީ 2014ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލެވެ. މި މެޗުން ދިވެހި ޓީމް ބަލިވީ ތިނެއް ދޭކުންނެވެ. މި މެޗުގައި ދިވެހި ޓީމުން ފުރަތަމަ އެގާރައިގައި ހިމެނި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ އަލީ ފާސިރެވެ. ދިވެހި ޓީމްގެ ފުރަތަމަ ލަނޑު ޖެހުމަށް އެސިސްޓްކޮށްދިން ކުޅުންތެރިޔަކީ ފާސިރެވެ.
ފޯވާޑް އަލީ ފާސިރު ބުނީ ފިލިޕީންސްއާއި ދެކޮޅަށް މިފަހަރު ނިކުންނައިރު އެޓީމަށްވެސް އަދި ދިވެހި ޓީމަށްވެސް ބޮޑެތި ބަދަލްތަކެއް އައިސްފައިވާކަމަށާއި، ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ފިލިޕީންސް ފެނުނީ ވަރުގަދަކޮށްކަމަށެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ފިލިޕީންސްއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައިވުމާއި، މި މެޗުވެސް ގަލޮޅު ދަނޑުގައި ކުޅެން ޖެހުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
އޭނާ ބުނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން އިތުރު ހިތްވަރަކާއި ޖޯޝެއް އަންނަކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް. ކޮންމެ ދުވަހަކު ދެއިރު ޕްރެކްޓިސްކޮށް ޓީމްގެ ފިޓްނަސްވެސް ރަނގަޅުވަމުން އަންނަކަމަށާއި، މުޅި ޓީމް އޮތީ އެއް ރޫހެއްގައިކަމަށް ފާސިރު ބުންޏެވެ.
"ކުރިން ކުޅުނު ފިލިޕީންސް ޓީމާއި މިހާރުގެ ޓީމާއި ވަރަށް ތަފާތު. ރާއްޖޭގެ ޓީމަށްވެސް ބަދަލްތަކެއް އައިއްސަ މިއޮތީ. އެމީހުން އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރުވެސް ވަރަށް ވަރުގަދަ. އެކަމަކު އަމިއްލަ ދަނޑުގައި ކުޅޭތީ އޭގެ އެޑްވާންޓޭޖް ނެގޭނެ. އަމިއްލަ ދަނޑުގައި ކުޅޭތީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ސަޕޯޓަރުންގެ އެހީއާއިއެކު މި މެޗު ކާމިޔާބުކުރެވޭނެ"