ޚަބަރު

ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ވަރުގަދަ ބޮމުގެ ޙަމަލާއެއް ދީފި


ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީ ސޫރިޔާއަށްވީ ފަޅީގައި އޮންނަ އަވަށަކަށް ހޮނިހިރު ދުވަހު ދިން ކާރު ބޮމުގެ ޙަމަލާއެއްގައި 13 މީހުން މަރުވެއްޖެއެވެ.

ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ ސޫރިޔާގެ އަވަށެއްކަމަށްވާ ތެލް ޢަބްޔާޟްގައި ދިން ބާރުގަދަ ކާރުބޮމުގެ ޙަމަލާގައި މަރުވެފައިވަނީ ޢާއްމުންނާ ތުރުކީވިލާތަށް އެއްބާރުލުންދޭ ހަނގުރާމަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ މެމްބަރުންކަމަށެވެ މި ޙަމަލާގައި އިތުރު 30 މީހުން ޒަޚަމްވެފައިވާކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިންވަނީ ބުނެފައެވެ.

ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވަނީ މި ލާއިންސާނީ ޙަމަލާ ދީފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ވައިޕީޖީގެ ހަނގުރާމަވެރިންކަމަށެވެ. ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރުދީ ޖަމާޢަތުން ދިން ޙަމަލާގެ ޝިކާރައަކަށްވެފައިވަނީ އެ ސަރަޙައްދުގައި ތުރުކީވިލާތުން ދާދިފަހުން ހިންގި އަސްކަރީ ޙަރަކާތްތަކަށްފަހު އެ ސަރަޙައްދަށް އަނބުރާ އައިސްފައިވާ ޢާއްމުންގެ މީހުންކަމަށެވެ.

ސޫރިޔާގެ އަވަށެއްކަމަށްވާ ތެލް އަބްޔާޟްއަކީ ތުރުކީވިލާތުން ދާދިފަހުން އެ ސަރަޙައްދުގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި އެންމެ ވަރުގަދަ ޙަމަލާތައް އަމާޒުކުރި އެއް ރަށެވެ. މިދިޔަ މަހުގެ 9ވަނަ ދުވަހުން ފެށިގެން ތުރުކީވިލާތާ އެ ޤައުމަށް ވާގިދޭ ސޫރިޔާގެ އަސްކަރީ ޖަމާޢަތްތަކުން ފެށި މި އޮޕަރޭޝަންގައި ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުގައި އޮންނަ އެހެން ރަށްތަކުންވެސް ކުރުދީ ހަނގުރާމަވެރިން ފައްސާލާފައިވެއެވެ.

ތުރުކީން މި އޮޕަރޭޝަންތައް ފެށީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިން ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުން ބާލާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުއްލިގޮތަކަށް އިޢުލާނުކުރެއްވުމާއެކުއެވެ.