ޚަބަރު

ނިއު ދިއްލީގެ ވައި ތަޣައްޔަރުވެ، އެ ރަށުގައި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެއްޖެ


އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި އެ ރަށުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެ ރަށުގެ ސިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ.

މިދިޔަ ހަފުތާގައި ނިއު ދިއްލީގެ ވައި ތަޣައްޔަރުވެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ގޮސްފައިވަނީ އަވަށްޓެރި އެހެން ސްޓޭޓްތަކުގައި ހުންނަ ދަނޑުބިންތައް އެންދުމުގެ ސަބަބުން އެ ސަރަޙައްދުތަކުން އައި ދުންތަކާއެކުކަމަށް ރިޕޯޓުތައް ބުނެއެވެ. މިއާއެކު، ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރަވަލްވަނީ ނިއު ދިއްލީގައި ހުންނަ ސްކޫލްތަކުގެ ކިޔެވުން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެކަން އިޢުލާނުކުރައްވާފައެވެ.

ނިއު ދިއްލީގެ ޕީ.އެސް.އާރް.އައި ހޮސްޕިޓަލްގެ ޕަލްމޮނަރީ ޑިޕާޓްމަންޓްގެ ޗެޔަރމަން ޖީ.ސީ ޚިލްނާނީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ނޭވާލ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ދެ ކެޓަގަރީއެއްގެ ބަލި މީހުން އައިސްފާވާކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ މީގެ ކުރިންވެސް ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ބަލިމީހުންކަމަށާ އަނެއް ބަޔަކީ އަލަށް މިފަދަ އުނދަގޫތަކަށް ފަރުވާ ހޯދާ ބަލި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ކެއްސުމާ، ކަރުގައި ރިއްސުމާ، ނިދަން އުނދަގޫވުމުގެ އިތުރުން ހުންއައުން ފަދަ ސިއްޙީ އުނދަގޫތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ސައިންސްވެރިން ބުނެފައިވަނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިއު ދިއްލީގެ މޫސުމަށް ބަދަލު އައިސް އެ ރަށުގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ދަށަށްދާނެކަމަށް އަންދާޒާކުރާކަމަށެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަކީ ދުނިޔޭގައި އެންމެ ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވެފައިވާ އެއް ރަށެވެ.