 
					
									
			ގޭމްސް އޮފް ތްރޯންސްގެ މަދަރަ އޮފް ޑްރެގަންސް އެމިލިއާ ކްލާކްގެ ރޮމޭންޓިކް ކޮމެޑީ އަންނަ ހުކުރު ދުވަހު ސްކްރީންތަކަށް އަންނާނެއެވެ. ކުރިން މި ފިލްމް ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 15 ދުވަހުއެވެ. 
އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ މިއުޒިކްތަކަށް ބިނާކޮށް ހަދާފައިވާ "ލާސްޓް ކްރިސްމަސް" ގައި އެމިލިއާ އެކު ދެން ފެނިގެންދާނީ ހެންރީ ގޯލްޑިނާއި އެމާ ތޮމްސަން އެވެ. 
ޖޯޖް މައިކަލްގެ އެންމެ މަޝްހޫރުވި އެއް ލަވަކަމަށްވާ " ލާސްޓް ކްރިސްމަސް" މި ލަވައިގެ ނަމުން ނަން ދީފައިވާ މި ފިލްމުގައި އެނާގެ އާ ލަވައެއް ހިމެނޭނެކަން ފިލްމްގެ ޑައިރެކްޓަރު ޕޯލް ފެއިގް ވަނީ ބުނެފައެވެ. ޖޯޖް މައިކަލްގެ އާލަވައެއް އޭނާގެ ފޭނުންނާއި ހަމައަށް މި އަންނަނީ އޭނާ މަރުވިތާ ހަތަރު އަހަރުވާން ގާތްވެފައިވަނިކޮށެވެ. މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އުމުުރުން 53 އަހަރުގެ ޖޯޖް މައިކަލް މަރުވީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 25 ވަނަދުވަހުއެވެ. 
ގާތްގަޑަކަށް 6 މިނެޓްގެ މި ލަވައަކީ ޖޯޖްގެ ލަވަތަކުން މިހާތަނަށް އާއްމުންނާއި ހަމައަށް އައިސްފައި ލަވައެއް ނޫންކަމަށް ފިލްމްގެ ޑައިރެކްޓަރ ބުނެއެވެ. އަދި މި ލަވަ ފިލްމުގެ މެދާއި ހަމައިން ފެންނާނެކަމަށް ޑައިރެކްޓަރ ބުނި ނަމަވެސް އެ ލަވައިގެ ތަފްސީލެއް އޭނާއެއް ހާމައެއް ނުކުރެއެވެ.