މުނިފޫހިފިލުވުން

އަންނަ އީދުގައި އަކްޝޭއާއި ސަލްމާންގެ ކުރިމަތިލުން


އަކްޝޭއަކީ ބޮލީވުޑްގައި އެންމެ ބިޒީ ޓޭބަލެއް ގެންގުޅޭ އެއްތަރިއެވެ. މިދިޔަ މަހު ރިލީޒުކުރި " ހައުސްފުލް 4 " އާއި އެކު އަނެއްކާވެސް އަކްޝޭ މިވަނީ ފިލްމުތަކެއްގެ މަސައްކަތް ފަށާފައެވެ. މި ގޮތުން ރޯހިތް ޝެޓީގެ "ސޫރަޔަވަންޝީ" އާއި އެކު އިތުރު ފިލްމުތަކެއްގައިވެސް އަކްޝޭ އަންނަނީ މަސައްކަތްކުރަމުންނެވެ.

ދާދިފަހުން އަކްޝޭވަނީ ރާގަވާ ލައުރެންސް ޑައިރެކްޓްކުރާ "ލަކްސްމީ ބޮމް" ގެ މަސައްކަތްވެސް ފަށާފައެވެ. މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ ޓްރާންސް ޖެންޑަރ މީހެއްގެ ރޯލުންނެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ "ކާންޗަނާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭއާއި އެކު ފެނިގެންދާނީ އަމީތާބާއި ތުޝާރު ކަޕޫރާއި ކިއާރާ އަދުވާނީއެވެ.

އަކްޝޭގެ މި ފިލްމް އަންނަ އީދަށް ރިލީޒްކުރާނެކަން މިހާރު މިވަނީ އިއުލާންކޮށްފައެވެ. ކުރިން ބެލެވުނީ އަންނަ އީދަށް ސަލްމާނުހާންގެ "ރާދޭ" ނެރޭތީ އަކްޝޭގެ ފިލްމުގެ ތާރީހު ބަދަލުކުރާނެކަމަށެވެ. އެހެންނަމަވެސް އަކްޝޭ ފިލްމް ޕްރޮޑިސްކުރާ ފޮކްސް އިން މިހާރު މިވަނީ ސަލްމާނާއި އީދުގައި އަކްޝޭ ވާދަކުރާނެކަން ކަށަވަރުކޮށްދީފައެވެ.

" ލަކްސްމީ ބޮމް" ފުރަތަމަ ލުކް ދައްކާލުމުންވެސް ގިނަ ބަޔަކު އެ ފިލްމަށް އަންނަނީ އިންތިޒާރުކުރަމުންނެވެ.

އަނެއްކޮޅުން ސަލްމާން ހާންވެސް ވަނީ އެނާ އަންނަ އިީދަށް ނޭރޭ "ރާދޭ" ގެ ޝޫޓިންތައް ފަށާފައެވެ. މިދިޔަ ހުކުރުދުވަހު ފިލްމުގެ ޝޫޓިންތައް ފެށިކަން އިއުލާންކޮށް " ރާދޭ" ޓީމުން އާއްމުކުރި ފޮޓޯއިން ފިލްމުގައި ހިމެނޭ ތަރިންވެސް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި މަޝްހޫރު ތަރި ޖެކީ ޝޮރަފްއާއި ސުހައިލް ހާނާއި ރަންދީޕް ހޫޑާގެ އިތުރުން ދިޝާ ޕަޓާނީވެސް ހިމެނެއެވެ.

ކޮންމެ އަކަސް އަންނަ އީދަށް ކުރި ލިބޭނެ ތަރިއެއް ބެލުމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބޭނެކަން ކަށަވަރެވެ.