ވިޔަފާރި

ފުޓްބޯޅަ ކްލަބެއް ސްޕޮންސަރކުރުމުން ފަތުރުވެރިކަމަށް ފައިދާކުރާނެތަ؟


ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކޮންމެ ސަރުކާރަކުންވެސް ގިނަ މަސައްކަތްތަކެއްކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އެކިއެކި ފެއަރތަކުގައި ބައިވެރިވެ، ފަތުރުވެރިން ގެނައުމަށް އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ދުނިޔޭގައި ކަންކަން ބަދަލުވަމުންދާ އުސޫލުން، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްވެސް ބަދަލުކުރަންޖެހެއެވެ. ފެއަރތަކުގައި ބައިވެރިވުމާއި ރޯޑް ޝޯވތައް ބޭއްވުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއްކުރަން އޮތީ ޖެހިފައެވެ. ތަފާތު އުކުޅުތަކާއި ޓެކްނޮލޮޖީގެ ބޭނުން އޮތީ ހިފަންޖެހިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ކުރަމުންދާއިރު، ތަފާތު ވައްތަރުގެ ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފްކުރުމަކީވެސް އޭގެތެރެއިން މަސައްކަތެކެވެ. އެކި ކަހަލަ ބޮޑެތި އިވެންޓްތައް ބޭއްވުމަށް މައިސް ޓޫރިޒަމް، ސަގާފަތާއި އާދަކާދަތައް ދައްކުވައިދޭ ކަލްޗަރަލް ޓޫރިޒަމް އަދި ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން ކުރިއެރުވުމަށް ސްޕޯޓްސް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން އިވިގެންދިޔަ ޚަބަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގުކަމަށްވާ ސްޕެނިޝް ލަލީގާގެ ޓީމެއް ސްޕޮންސަރކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމެވި ނިންމެވުމެވެ. ލަލީގާގެ ބޮޑު ޓީމެއްކަމަށްވާ ސެލްޓާވީގޯ ސްޕޮންސަރކުރުމަށް ނިންމެވިކަން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު އިޢުލާންކުރެއްވުމާއެކު އެކި ފަރާތްތަކުން އެކަމާ ގުޅޭގޮތުން ޙިޔާލުތައް ފާޅުކުރަން ފެށިއެވެ. އެއް ބަޔަކަށް އެކަން ކަމުދިޔައިރު، އަނެއް ބަޔަކު އެކަމަށް ފާޑު ކިޔަން ފެށިއެވެ. އެކަމަށް ފާޑު ކިޔަމުންދިޔަ ބައެއް ފަރާތްތަކުން ބުނަމުންދިޔައީ ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ފަދަ ޓީމުތައް އޮތްވާ ސެލްޓާވީގޯފަދަ ޓީމެއް ސްޕޮންސަރކުރުމުންނެވެ. ނޫނީ އެހެން ލީގަކުން ވިޔަސް ތަންކޮޅެއް މަޝްހޫރު ޓީމެއް ސްޕޮންސަރ ނުކުރުމުންނެވެ.

ފާޑުކިޔާ ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓާ އަޅާކިޔާއިރު މިއީ ރާއްޖެއަށް އެންމެ ފައިދާވާނޭ އެއްބަސްވުންކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ސްޕެއިންގެ ލަ ލީގާގެ ޓީމެއް އަހަރަކު ނުވަ ލައްކަ ޑޮލަރަށް ސްޕޮންސަރކުރުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއްކުރާނެކަމެއްކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

ފުޓްބޯޅަ ނުވަތަ ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ބޮޑެތި ފުޓްބޯޅަ ކްލަބްތައް ސްޕޮންސަރކުރުމަކީ ބަޔަކު އަލަށް ފެށި ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ކުރިއަށްދާ ކަމެކެވެ. ޓޫރިސްޓް ހޮޓެލް ޗެއިންތަކާއި ފަތުރުވެރިކަން އިޝްތިހާރުކުރާ ކުންފުނިތަކުން ކުޅިވަރު ކުޅޭ ކްލަބްތައް ސްޕޮންސަރކުރުމަށް ކުރާ ހޭދަ އެތައް ގުނައެއް އިތުރުކޮށްފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޤަތަރުފަދަ މުއްސަނދި ކްލަބްތަކުން ފެށީގެން ރުވާންޑާފަދަ ފަޤީރު ޤައުމުތަކުންވެސް ވަނީ ބޮޑެތި ފުޓްބޯޅަ ކްލަބްތައް ސްޕޮންސަރކޮށްފައެވެ. ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ފަންސަވީސް ޓީމެއް އެކި ޤައުމުތަކުގެ ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުތަކުން ސްޕޮންސަރކޮށްފައިވަނީ ހަމަ ޤާއިމުވެސް ބޮޑެތި ފައިދާތަކެއް ކުރާތީކަން ޔަޤީނެވެ.

މިލިއަނެއްހާ ފަތުރުވެރިން އަހަރަކު ޒިޔާރަތްކުރާ އެފްރިކާގެ ފަޤީރު ޤައުމެއްކަމަށްވާ ރުވާންޑާއިން އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބް އާސެނަލް ދެހާސް އަށާރަވަނަ އަހަރު ސްޕޮންސަރކުރީ ތިރީސް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އާސެނަލްގެ ޖާޒީގައި "ވިޒިޓް ރުވާންޑާ" ލޯގޯ ފެންނަން ހުންނާނެއެވެ. އަދި އެތައް މިލިއަން ބަޔަކު ބަލާ އާސެނަލް މެޗުތައް ކުރިއަށްދާ ފަސްދޮޅަސް ހާސް މީހުން ޖާގައިގެ މަޝްހޫރު އެމިރޭޓްސް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައިވެސް ރުވާންޑާ އިޝްތިހާރުކުރާނެއެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާސެނަލްގެ ޖާޒީ ކޮންމެ ދުވަހަކު ފެންނަ ތިރީސް ފަސް މިލިއަން މީހުންނަށް ރުވާންޑާ އިޝްތިހާރުވެގެންދާނެއެވެ. އަދި އާސެނަލްގެ އަންހެން އަދި ފިރިހެން ޓީމުތައް ކޯޗިން ކޭމްޕްތަކަށް ރުވާންޑާއަށް ދިއުމަކީވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އާސެނަލްއާއެކު ރުވާންޑާއިން ޤާއިމްކުރި ސްޕޮންސަރޝިޕްގެ ސަބަބުން ރުވާންޑާގެ ޓުއަރިޒަމް ސިނާޢަތަށް އިންގިލާބީ ބަދަލުތަކެއް އައިސް، އެޤައުމަށް ބޮޑެތި ފައިދާތަކެއްކުރާނެއެވެ. އަދި ރުވާންޑާއަށް އާމްދަނީ ލިބޭ އެންމެ މުހިއްމު ވަސީލަތަކީ ފަތުރުވެރިކަމަށްވާއިރު، ސްޕޮންސަރޝިޕްގެ ސަބަބުން އިޤްތިޞާދީގޮތުންނާއި އުމްރާނީގޮތުންވެސް އެޤައުމަށް ކުރިއެރުންތަކެއް ލިބޭނެއެވެ.

އެހެންކަމުން ރާއްޖެއިން ސްޕެއިން ފަދަ ވަރުގަދަ ލީގެއް އޮންނަ ޤައުމެއްގެ ކްލަބެއް އަހަރަކު ނުވަ ލައްކަ ޑޮލަރަށް ސްޕޮންސަރކުރުމަކީ، ރުވާންޑާއިން ތިރީސް މިލިއަން ޑޮލަރަށް އާސެނަލް ސްޕޮންސަރކުރުމުން ލިބެމުންދާފަދަ ފައިދާތައް ލިބޭނެ އެއްބަސްވުމެއްކަން ޔަޤީނެވެ. ޓުއަރިޒަމް މިނިސްޓްރީން ލަލީގާގެ ސެލްޓަވީގޯ ސްޕޮންސަރކުރުމުން ރާއްޖޭގެ އިޝްތިހާރުތައް ފެންނާނީ ހަމައެކަނި ސެލްޓަވީގޯގެ ތިރީސްހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި ތިބޭ ސަޕޯޓަރުންނާއި، ސެލްޓަވީގޯގެ އެތައް މިލިއަން ސަޕޯޓަރުންނަށް އެކަންޏެއް ނޫނެވެ. ސެލްޓާވީގޯއާ ދެކޮޅަށް ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑް ކުޅޭ މެޗުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އެތައް މިލިއަން ސަޕޯޓަރުންނަށްވެސް މި އިޝްތިހާރުތައް ފެނިގެންދާނެއެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވާނީ ފައިދާ ނުވަތަ ގެއްލުންތޯ އެއީ ޖަވާބުދޭން އުނދަގޫ ސުވާލަކަށް ނުވާނެކަން ޔަޤީނެވެ.

ސެލްޓަވީގޯއާއެކު ޤާއިމްކުރާ ސްޕޮންސަރޝިޕް އެއްބަސްވުމުގައި މާދަމާ ސޮއިކުރާއިރު، މި އެއްބަސްވުން ޤާއިމްކުރުމަށްފަހު ސެލްޓަވީގޯއިން ކުޅޭ ފުރަތަމަ މެޗުވެސް ކުޅޭނީ ވަރުގަދަ ބާސެލޯނާއާ ދެކޮޅަށެވެ. ނުވަދިހަ ހާސް މީހުންގެ ޖާގައިގެ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މިމަހުގެ ނުވަ ވަނަ ދުވަހު ކުޅޭ މެޗުގައި ސެލްޓަވީގޯއިން ބޭނުންކުރާ ޖާޒީގައި "ވިޒިޓް މޯލްޑިވްސް" ލޯގޯ ހުންނާނީ ވަރަށް ރީތިކޮށް ފެންނާށެވެ. ސްޓޭޑިއަމްގައި ތިބޭ ނުވަދިހަ ހާސް މީހުންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމެޗު ބަލަމުންދާ އެތައް މިލިއަން ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. އެއަށްފަހު ސެލްޓަވީގޯއިން ކުޅޭ ކޮންމެ މެޗެއްގައިވެސް ރާއްޖެ ދާނީ އެތައް މިލިއަން ބަޔަކަށް އިޝްތިހާރުވަމުންނެވެ. ހަމަޤައިމުވެސް މިކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުމުގެ އިތުރުން، މިއީ ކޮންމެ ދިވެއްސަކު އެކަމާމެދު ފަޚުރުވެރި، އުފާކުރާނެކަމެއްކަންވެސް ޔަޤީނެވެ.