ވިޔަފާރި

ސެލްޓާވީގޯގެ ރަސްމީ ސްޓޭޑިއަމްއަށް ޓުއަރިޒަމް މިނިސްޓަރ ޒިޔާރަތްކުރައްވައިފި


­­­­ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ސްޕެއިންގެ ސެލްޓާވީގޯގެ ރަސްމީ ސްޓޭޑިއަމް،އެލް އެސްޓާޑިއޯ ޑި ބަލާޑިއޯސްއަށް ޒިޔާރަތްކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ ސެލްޓާވީގޯގެ ރަސްމީ ސްޓޭޑިއަމްއަށް ޒިޔާރަތްކުރައްވާފައި މިވަނީ، އެމަނިކުފާނު ސްޕެއިންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޓުއަރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރައްވާ މިދަތުރުފުޅަކީ ޓުއަރިޒަމް މިނިސްޓްރީން ސެލްޓާވީގޯ ސްޕޮންސަރަކަށްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ތިރީސްހާސް މީހުންގެ ޖާގައިގެ ސެލްޓާވީގޯގެ ރަސްމީ ސްޓޭޑިއަމްއަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ކުރެއްވި ޒިޔާރަތުގައި ސްޓޭޑިއަމް ބައްލަވާލައްވާ، އެ ކްލަބްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގެ ތެރެއިން ސެލްޓަވީގޯގެ ސްޕޮންސަރަކަށްވުމުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެ ކްލަބުން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެތައް މިލިއަން ބަޔަކު އެއް ފަހަރާ ބަލާ މެޗުތައް އެ ސްޓޭޑިއަމްގައި ކުރިއަށްދާ ވަގުތުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އެ ސްޓޭޑިއަމް ތެރޭގައި ހުންނަ ލެޑް ބޯޑުތަކާއި ބޮޑެތި ސްކްރީންތަކުގައި އިޝްތިހާރުކުރެވިގެންދާނެ ގޮތާއިބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ސެލްޓަވީގޯގެ ސްޓޭޑިއަމްއަށް ކުރެއްވި ޒިޔާރަތަށްފަހު، މިނިސްޓަރ އަލީ ވަޙީދު ވަނީ ސެލްޓާވީގޯގެ ރައީސް ކާލޮސް މޯރިނޯ ދެއްވި ޚާއްސަ މެންދުރުގެ ފަރިކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިފަރިއްކޮޅުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ އަރިހުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލްއާއި، ކުޅިވަރާބެހޭ މުޒާރާގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސެލްޓާވީގޯގެ ރަސްމީ ހެޑްކުއާޓާޒްއަށްވެސް ޒިޔާރަތްކުރެއްވިއެވެ. މިޒިޔާރަތުގައި އެތަނުގައި ޤާއިމްކޮށްފައިވާ އެކި އެކި ފެސިލިޓީޒްތައް ބައްލަވާލައްވާ އެކަމާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް އެތަނުން ތަމްރީންނާއި ތަޖުރިބާ ހޯދައިދިނުމާ ގުޅޭގޮތުންވެސް ސެލްޓާވީގޯގެ އިސްބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ.

ސެލްޓާވީގޯ ކްލަބްގެ ބައެއް ފެސިލިޓީޒްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ސްޕެއިންގެ ބޮޑު ކްލަބެއްގެ ޓްރެއިނިންގ ފެސިލިޓީޒްއާއި ސްޓޭޑިއަމްގެ ކަންކަން ހިނގާ ގޮތް ފެނިގެން ދިއުމަކީ އެކަމުގެ ސަބަބުން ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ ގުނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ.

"ސެލްޓާވީގޯ ކަހަލަ ލަލީގާގެ ކްލަބެއްގެ، މޮޅެތި ކުޅުންތެރިން އުފައްދާފައި އޮތް ކްލަބެއްގެ މި ކަހަލަ ފެސިލިޓީޒްތައް ފެނިގެން ދިއުން އެއީ، އަދި މިފަދަ ފަރާތްތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އެގްރިމަންޓްތައް ހެދިގެންދިޔަކަމުގައި ވިޔަސް، ދެން ތަފާތު އެހެން ގޮތްގޮތުން ފައިދާތައް ލިބޭނެ ގޮތަށް ކަންކަން ފަހިވެގެންދާކަމީ ކޮންމެ ދިވެއްސަކުވެސް އުފާވާނެކަމެއް. އަދި ދިވެހިރާއްޖެއަށް މުސްތަގްބަލުގައި އެކަމުން ގިނަ ފައިދާތަކެއް ކުރާނެކަމެއް. ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ، މީޑިއާއަށްވެސް ކުޅުންތެރިންނަށްވެސް، ކޯޗުންނަށްވެސް، ކްލަބްތަކަށްވެސް، އެފްއޭއެމްއަށްވެސް، ޓުއަރިޒަމް މިނިސްޓްރީއަށްވެސް" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ސްޕެއިންގެ ބޮޑު ކްލަބެއްކަމަށްވާ ސެލްޓާވީގޯ ސްޕޮންސަރކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، އެކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ މާދަމާ ސެލްޓާވީގޯގެ ރަސްމީ ހެޑްކުއާޓާޒްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މިފަދަ ބޮޑު ކްލަބެއް ރާއްޖެއިން ސްޕޮންސަރކުރާ ފުރަތަމަ ފަހަރަށްވާއިރު، މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައާއި އެހެނިހެން ކުޅިވަރުތައްވެސް ކުރިއެރުވުމަށް ސެލްޓާވީގޯގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.