ޚަބަރު

މަޤާމުން ދުރުކުރަން ޑިމޮކްރެޓުން ކުރާ މަސައްކަތްތަކާ ދެކޮޅަށް އެމެރިކާގެ ގިނަބަޔަކު ރުޅިވެރިކަމާއެކު ތެދުވާނެ: ޓްރަމްޕް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ދުރުކުރުމާ ގުޅޭގޮތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްއިން ފަށާފައިވާ ތަޙްޤީޤްތަކާ ދެކޮޅަށް އެމެރިކާގެ ޢާންމުންގެ ގިނަބަޔަކު ރުޅިވެރިކަމާއެކު ތެދުވާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިރު ދެކުނުގެ ސްޓޭޓެއްކަމަށްވާ މިސިސިޕީގެ ސިޓީއެއްކަމަށްވާ ޓުޕެލޯގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ މަޤާމުން ދުރުކުރަން މަސައްކަތްކުރާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހަދާ ދޮގުތަކާއި ގެންގުޅޭ މަކަރުވެރިކަން އެމެރިކާގެ ޢާންމު ރައްޔިތުންނަށް އެނގޭތީ އެމެރިކާގެ ގިނަ ބަޔަކު ޑިމޮކްރެޓުން ދެކެ ފޫހިވެފައިވާކަމަށެވެ. ޓްރަމްޕް މަޤާމުން ދުރުކުރަން އިދިކޮޅު ޑިމޮކްރެޓުން މަސައްކަތްކުރަނީ 2020ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ފަސޭހައިން ބަލިކޮށްލުމުގެ ޤާބިލްކަން އޭނާގެ ކިބައިގައި ހުރިކަން ޑިމޮކްރެޓިކް ލީޑަރުންނަށް ޤަބޫލުކުރެއްވޭތީ އެކަމާ ގުޅިގެންކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އޭނާ މަޤާމުން ދުރުކުރުމާ ގުޅޭގޮތުން ފަށާފައިވާ ތަޙްޤީޤްތަކާބެހޭ ޤަވާއިދު ރަސްމީގޮތުން ހައުސްގެ އަޣްލަބިއްޔަތުން ފާސްކުރުމާ ގުޅިގެންނެވެ. އެ ތަޙްޤީޤްތައް ބިނާވެފައިވަނީ މިދިޔަ ޖުލައިމަހުގެ ފަންސަވީސްވަނަ ދުވަހު ޓްރަމްޕް ޔުކްރެއިންގެ ރައީސް ވްލަޑްމީރު ޒިލިންސްކީއަށް ކުރެއްވި ފޯނުކޯލެއްގެ މައްޗަށެވެ.

އެ ފޯނުކޯލުގައި އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން މަޤާމުގެ ނާޒާއިޒުފައިދާ ނަންގަވައިގެން އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑެންގެ މައްސަލައެއް ބައްލަވަން މަސައްކަތްކުރެއްވިކަމުގެ ތުޙުމަތު ޓްރަމްޕްގެ މައްޗަށްވަނީ ކުރެވިފައެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ އެކަމަށް އިންކާރުކުރައްވައި ތަޙްޤީޤަށް ހުރަސްއެޅޭތޯ މަސައްކަތްކުރައްވަމުންނެވެ.