ކުޅިވަރު

ސެލްޓަވީގޯ ސްޕޮންސަރކުރުމުން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ - ބައްސާމް


ސްޕެއިންގެ ސެލްޓަވީގޯ ފުޓްބޯޅަ ކްލަބް ރާއްޖެއިން ސްޕޮންސަރކުރުމަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ވީގޯގައި ހުންނަ ސެލްޓަވީގޯގެ ހެޑްކުއާޓާޒްއަށް ޒިޔާރަތްކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބައްސާމް ވިދާޅުވީ ސެލްޓަވީގޯއާއެކީ ޓުއަރިޒަމް މިނިސްޓްރީން ޤާއިމްކުރާ އެއްބަސްވުމުގެ ދަށުން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތަމްރީން ހަދާ ކުޅުންތެރިންނާއި ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ޓީމުތައް ތަމްރީންކުރުން މީގެ ތެރޭގައި ހިމެނޭކަން ބައްސާމް ފާހަގަކުރެއްވިއެވެ.

"ކުޅުންތެރިން ތަމްރީންކުރުމާއި މެޑިކަލް ބޭފުޅުން ތަމްރީންކުރުމާއި ކޯޗިން ސްޓާފުން މިކޮޅަށް ގެނެސްގެން ތަމްރީންކުރުން ކޮންޓްރެކްޓްގެ ތެރެއިން ލިބޭތޯ ބެލުމަށް ވަރަށް މަސައްކަތްކުރާނަން. ރާއްޖޭގެ ފުޓްބޯޅައަށް އުޖާލާ މުސްތަގްބަލެއް ބިނާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް މިއީ. މިކަމަށްޓަކައި ސަރުކާރާއި ޓުއަރިޒަމް މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ސެލްޓަވީގޯއާއެކީ ހަދާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޤައުމީ ޓީމާއި ސެލްޓަވީގޯގެ ޤައުމީ ޓީމާއެކު މެޗުތަކެއް ކުޅުމުގެ ފުރުޞަތުވެސް ރޭވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ކޯޗުންނަށް މިކޮޅުގެ ކޯޗިން ސްޓާފުންނާއެކީ މަސައްކަތްކުރުމުގެ ފުރުޞަތާއި މެޑިކަލް ބޭފުޅުންނަށްވެސް ސްޕެއިންއަށް ގޮސް އެތަނުގެ އެކެޑަމީ ލެވަލްއިން ފެށީގެން ސީނިއާ ޓީމުގެ މެޑިކަލް ކަންކަން ބަލަހައްޓާ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރާނެކަމަށް ބައްސާމް ވިދާޅުވިއެވެ.

ސެލްޓަވީގޯއާއެކީ ބޭއްވި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވީ ސެލްޓަވީގޯއާއެކީ ގުޅުން ބަދަހިކުރުމުން ފުޓްބޯޅައިގެ އިތުރުން ރާއްޖޭގެ ހުރިހާ ކުޅިވަރަކަށްވެސް ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާނގައި ޓެނިސްއާއި ރާޅާ އެޅުންފަދަ އިތުރު ކުޅިވަރުތަކުން ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އައްސަދު ވިދާޅުވިއެވެ.

" ސެލްޓަވީގޯއާއެކީ ޓުއަރިޒަމް މިނިސްޓްރީން ކުރާ މަސައްކަތުގައި ޔޫތު މިނިސްޓްރީ ބައިވެރިކޮށްގެން ގިނަ މަސައްކަތްތަކެއް ކުރުމަކީ ރާއްޖޭގެ ހުރިހާ ކުޅިވަރަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް.
ސެލްޓަވީގޯއާއެކީ ހަދާ އެއްބަސްވުމުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތް ދައްކުވައިދޭ" އައްސަދު ވިދާޅުވިއެވެ.

ސްޕެއިންގެ ސެލްޓަވީގޯ ސްޕޮންސަރކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީން ސޮއިކުރާނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.