ސްޕެއިންގެ ލަލީގާގެ ސެލްޓަވީގޯ ކްލަބް ރާއްޖެއިން ސްޕޮންސަރކުރީ މުޅި ރާއްޖެއަށް އެކަމުން ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެތީކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ސްޕެއިން ވީގޯގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރާއްޖެއިން ސެލްޓަރ ވީގޯ ސްޕޮންސަރކޮށް، އެކްލަބް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ ކުޅިވަރަށްވެސް ބޮޑު ފައިދާއެއް ކުރާނެކަމެއްކަމަށެވެ. އެގޮތުން ޒުވާން ކުޅުންތެރިން އުފައްދަން އެފްއޭއެމްއިން ފަށާފައިވާ "ޓުވާޑްސް ފިއުޗަރ" ޕްރޮގްރާމަށްވެސް މި އެއްބަސްވުމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކަމުގައި ބަލާފައި މިއޮތީ ކޮބައިތޯ އަގާއި ބަލާފައި އިޝްތިހާރެއް ޖެހުމުގެ އިތުރަށް މުޅި ދިވެހިރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ، އެހެންވީމަ ނުވަ ލައްކަ ޑޮލަރު އަހަރަކު މިދަނީ. މިއީ ދުނިޔޭގެ ނިސްބަތުން ހެޔޮ އަގެއް، މީގައި އަޅުގަނޑުމެން މިބަލަނީ ފަތުރުވެރިކަމުގެ ދާއިރާއިން އިޝްތިހާރެއް ޖެހުމުގެ އިތުރަށް މުޅި ދިވެހިރާއްޖެއަށް މީގެއިން ފައިދާއެއް ވޭތޯ. މިއަދުވެސް މަޝްވަރާކުރެވގެން މިދިޔައީ އަޅުގަނޑުމެން ކުޅުންތެރިން ލަލީގާގެ މިފަދަ ފެސިލިޓީސްތަކަށް ތަމްތީން ހެދުމަށް ގެންނަން" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސެލްޓާވީގޯފަދަ ކްލަބްތަކާ ގުޅިގެން ރާއްޖެ އިޝްތިޙާރުކުރުމަށް މަޓީން ވަރަށް ބޮޑު ހިތްވަރެއް ދެއްވިކަމަށެވެ.
"އަޅުގަނޑަށް މިކަމުގައި ކުރިއަށްދާން އެންމެ ބޮޑަށް ހިތްވަރު ދިނީ މަޓީގެ ޗެއަރަމަން އުމަރު މަނިކާއި ވައިސް ޗެއަރމަން ޗަންޕާ ހުސެއިން އަފީފް. އެބޭފުޅުން އަބަދުވެސް ދޭތެރެދޭތެރެއިން ޓޫރިޒަމްގެ މަޝްވަރާތައް ކުރައްވާ. އަބަދުވެސް ނަސޭޙަތް ދެއްވާ އެކި އެކި ލީގްތަކުގައި މިކަން ކުރަންވިއްޔޭ، މިއީ އަވަސް ކުރަން ވެފައި އޮތް ކަމެކޭ" މިނިސްޓަރ ވިދާޅުވިއެވެ.
އަލީ ވަޙީދު ވިދާޅުވީ ސެލްޓަވީގޯގެ އިތުރުން ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނެކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރައްވާނީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓް ތަންދޭ މިންވަރަކުން ރާއްޖެއަށް އެންމެ ބޮޑު ފައިދާއެއްވާނެ ގޮތަކަށްކަމަށްވެސް މިނިސްޓަރ މިނިސްޓަރ
ވިދާޅުވިއެވެ.
"މިކަން ކުރާ ވާހަކަ އިއުލާންކުރުމާއެކު ވަރަށް ގިނަ ބައެއްގެ ޚިޔާލުތައް ލިބިގެންދިޔަ. ހުރިހާ ރައްޔިތުންވެސް ބޭނުންވޭ މިކަންކުރަން. ބައެއް ބޭފުޅުން ވިދާޅުވި އެހެން ކްލަބްތަކުގައިވެސް އިޝްތިހާރުކުރަން. އެކަމަކު ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓަށް ބަލާއިރު މިއީ އެންމެ ރަނގަޅު ކުރިރުންތަކެއް ރާއްޖެއަށް ލިބޭނެ އެއްބަސްވުމަކީ. ކުރިއަށް އޮތްތާނގައި އިނގިރޭސި ލީގާއި އިޓާލިއަން ލީގުގައިވެސް އިޝްތިހާރުކުރުމަށް މަސައްކަތް ކުރާނަން. ފައިސާ ހުއްޓަސް އެންމެ ރަނގަޚު ގޮތުގައި އެފައިސާ ޙަރަދުކުރެވޭނެ ގޮތަކަށް އެކަންކަން ކުރާނީ. ހިތުގައި އޮތް އެންމެ ލޯބިވާ ކްލަބް ނުވަތަ އެންމެ މަޝްހޫރު ކްލަބަށް ދިއުމުގެ ބަދަލުގައި މިވަރުގެ ކްލަބެއްގެ ތެރެއިންވެސް ފައިދާތަކެއް ލިބިގެންދާނެ" އަލީ ވަޙީދު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސްޕެއިންގެ ސެލްޓަވީގޯ ކްލަބް ރާއްޖެއިން ސްޕޮންސަރކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރާއްޖެއިން އަހަރަކު 9 ލައްކަ ޑޮލަރު މި އެއްބަސްވުމުގެ ދަށުން ޚަރަދުކުރާއިރު، އެތައް ބިލިއަން ބަލާ ސްޕެނިޝް ލަލީގާގެ ތެރެއިން ސެލްޓަވީގޯގެ ޖާޒީއާއި އެނޫން ގޮތްގޮތަށް ރާއްޖޭގެ އިޝްތިހާރުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން ސްޕެއިންގައި ހުންނަ ސެލްޓަވީގޯގެ މެގަ ސްޓޯރތައް ނުވަތަ ފިހާރަތަކުގައި ވިޒިޓް މޯލްޑިވްސް ކޯނަރއެއް ހެދުމުގެ މަސައްކަތްވެސް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.