ޚަބަރު

ވައި ނުސާފުވުމުގެ ސަބަބުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި


އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ސިއްޙަތަށް ނުރައްކާވާފަދަ މިންވަރަށް އެ ރަށުގެ ވައި ތަޣައްޔަރުވުމާއެކު މި މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގެ ސްކޫލުތައް ބަންދުކުރުމަށް ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ.

ވޭތުވެދިޔަ ތިން ދުވަހު ނިއު ދިއްލީގެ ވައި ތަޣައްޔަރުވެ، ސިއްޙަތަށް ނުރައްކާވާ މިންވަރަށް ގޮސްފައިވަނީ އަވަށްޓެރި އެހެން ސްޓޭޓްތަކުގައި ހުންނަ ދަނޑުބިންތައް އެންދުމުގެ ސަބަބުން އެ ސަރަޙައްދުތަކުން އައި ދުންތަކާއެކުކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު، ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކަޖްރިވަލްވަނީ ނިއު ދިއްލީގައި ހުންނަ ސްކޫލްތަކުގެ ކިޔެވުން ނޮވެމްބަރު މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެކަން އިޢުލާނުކުރައްވާފައެވެ.

އިންޑިއާގެ މައި ސަރުކާރުން ކަނޑައަޅާފައިވާ ތިމާވެއްޓާ ބެހޭ ޕެނަލަކުން ބުނެފައިވަނީ ނިއު ދިއްލީގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ރަށުގެ ޙާލަތު މިވަނީ ޢާންމު ސިއްޙަތަށް ގެއްލުންވާފަދަ ކުއްލި ޙާލަތެއްގެ ތެރެއަށް ވެއްޓިފައިކަމަށެވެ.

އިންޑިއާގެ ތިމާވެއްޓާ ޕޮލިއުޝަނާ ބެހޭ އިދާރާއިން ނެރުނު ސިޓީއެއްގައި ބުނެފައިވަނީ ނިއު ދިއްލީގައި ޢާންމު ސިއްޙަތަށް ނުރައްކާތެރިވާފަދަ ކުއްލި ޙާލަތެއް އިޢުލާނުކުރަންޖެހިފައިވަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ސިއްޙަތަށް ގެއްލުންވެދާނެކަމުގެ ނިޝާންތައް ފެނިފައިވާތީކަމަށާ ޚާއްސަކޮށް މިކަމަކީ އެކި އެކި އުމުރުގެ ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެފަދަކަމެއްކަމަށެވެ.