ފިލިޕީންސް މެޗާއި ގުއާމް މެޗުގެ ސަޕޯޓް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނެފިއެވެ.
ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ 2 މެޗަށް މެލޭޝިޔާގައި ތަމްރީން ހަދަމުން އަންނައިރު، މާލޭގައި މި ދެ މެޗުގެ ފޯރިގަދަ ކުރުމަށް ހަރަކާތްތަކެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް މަސައްކަތްތައް ކުރެވެމުން އަންނައިރު، މެޗުގެ މައުލޫމާތުތައްވެސް ސަޕޯޓަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޤައުމީ ޓީމަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ކޮމިޓީއިންނެވެ.
ޤައުމީ ފުޓްބޯޅަ ޓީމްގެ ެޕްޓަން އަކުރަމް އަބްިދުލްޣަނީ ބުނީ ސަރުކާރާއި، އެފްއޭއެމްއާއި ސަޕޯޓަރުން ގުޅިގެން ކުރާ މަސައްކަތް ކެޕްޓަނެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި، މިކަމުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަމަށެވެ. މާލޭއިން ބޭރުގައި ކުޅުންތެރިން މެޗަށް ތައްޔާރުވާއިރު، 12ވަނަ ކުޅުންތެރިޔާކަމަށްވާ ސަޕޯޓަރުން މެޗަށް ތައްޔާރުވާ މިންވަރު ފެނުމުން ހު ހުރިހާ ކުޅުންތެރިންނަށްވެސް ބޮޑު ހިތްވަރެއް ލިބޭކަމަށެވެ.
އަކުރަމް ބުނީ 14ވަނަ ދުވަހުގެ މެޗަށް ނިކުންނައިރު ހުރިހާ ސަޕޯޓަރުން ޓީމްގެ ފަހަތުގައި ތިބެ ދަނޑަށް އަންނާނެކަމުގެ ޔަގީންކަން ލިބުމަކީ ޓީމުން މެޗު ކާމިޔާބުކުރަން އިތުރު ހިތްވަރެއްލާނެކަމެއްކަމަށެވެ. އަކުރަމް ބުނީ އުއްމީދަކީ ސަޕޯޓަރުންގެ މަސައްކަތާއިވެސް އެކު އެންމެ އެކުގައި ފިލިޕީންސް މެޗާއި ގުއާމް މެޗު ކާމިޔާބުކުރުންކަމަށެވެ.
"ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަސްލު. ފުޓްބޯޅަ ހީނަރުވެފައި އޮތް ދުވަސްކޮޅެއްގައި، އަދި ދަނޑަށްވެސް އެހާ މީހުން ނުވަންނަ ދުވަސްކޮޅެއްގައި ކުރިއަށް މި އޮތް ދެ މެޗަށް ސަޕޯޓަރުން ކުރާ މަސައްކަތަށް. އުއްމީދުކުރަނީ ކުރިއަށް އޮތް ދެ މެޗުގައިވެސް ގިނަ ސަޕޯޓަރުން ދަނޑަށްވަދެ އަހަރުމެންނަށް ހިތްވަރުދޭނެކަމަށް."
ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.