މުނިފޫހިފިލުވުން

" ޖަވާނީ ޖާނޭމަން " ރިލީޒުކުރުން އަންނަ އަހަރަށް ފަސްކޮށްފި


ސައިފް އަލީ ހާނާއި ތައްބޫ ލީޑް ރޯލުން ފެނިގެންދާ " ޖަވާނީ ޖާނޭމަން " ރިލީޒުކުރާ ތާރީހު ފަސްކޮށްފިއެވެ.
ކުރިން މި ފިލްމު ސިނަމާތަކަށް އަންނަން އޮތީ އަންނަ މަހުގެ 29 ވަނަދުވަހުއެވެ. މިހާރު މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުއެވެ.

ސައިފް އަލީހާންގެ އަމިއްލަ ފިލްމު ކުންފުނި ބްލެކް ނައިޓްސް ފިލްމްސާ ނޮދާން ލައިޓް ފިލްމްސް އަދި ޕޫޖާ އެންޓަރޓެއިންމަންޓް ގުޅިގެން އުފައްދާ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރަނީ މި އަހަރު ނެރުނު " ނޯޓް ބުކް" ގެ ޑައިރެކްޓަރ ނިތިން ކައްކަރުއެވެ.

ސައިފް ލީޑްރޯލުން ފެނިގެންދާ މި ފިލްމުގައި އޭނާއާއި އެކު ތައްބޫ ވެސް ފެނިގެންދާނެއެވެ. އަދި ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ވެސް މި ފިލްމުން ފެނިގެންދާނެއެވެ. މީ އަލައިއާ ފިލްމީ ދުނިޔެއަށް ތައާރަފުކުރާ ފިލްމެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމު ރިލީޒްކުރާ ތާރީހު ފަސްކޮށްފައިމިވަނީ ސައިފް އަލީ ހާން ބޭނުންކޮށްގެން ފިލްމްގެ ޑައިރެކްޓަރ ޕްރޮމޯޝަނަލް ލަވައެއް ޝޫޓް ކުރަން ބޭނުންވެގެންނެވެ. އެހެންނަމަވެސް ވެބް ސީރީޒްތަކުގައި ސައިފް މާ ބިޒީކޮށް އުޅެން ޖެހުމުން މިހާތަނަށްވެސް އެލަވަ އަދި ޝޫޓްކުރަން ފެށިފައެއް ނުވެއެވެ.