ޚަބަރު

ކުރުދީ ހަނގުރާމަވެރިން ސޫރިޔާގެ އުތުރުން ނުފައިބާކަމަށް ތުރުކީވިލާތުން ބުނެފި


ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ސޫރިޔާގެ އުތުރުން ނުފައިބާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން މިހެން ވިދާޅުވީ ވެރިކަންކުރާ އޭކޭ ޕާޓީގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

ކުރުދީ ހަނގުރާމަވެރިން ތުރުކީވިލާތުން ބޭނުންވާ 30 ކިލޯމިޓަރުގެ ދުރުމިނަށް ފަހަތަށް ނުޖެހޭނަމަ އަލުން ޢަސްކަރީ ޙަމަލާތައް ފެށުމުގެ ޙައްޤު އެ ޤައުމަށް އެބައޮތް ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. ރަޝިޔާއިން ޔަޤީންކަން ދިންނަމަވެސް އެއްބަސްވެފައިވާ ގޮތަށް ކުރުދީ ހަނގުރާމަވެރިން ސޫރިޔާގެ އުތުރުގެ ހިސާބުތައް ދޫކޮށް ތުރުކީވިލާތިގެ ސަރަޙައްދީ ރޮނގާ 30 ކިލޯމީޓަރުގެ ދުރުމިނަށް ފަހަތަށް ނުޖެހޭކަމަށް އުރުދުޣާންވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ރަޝިޔާއާއި ތުރުކީވިލާތުގެ ސިފައިން ގުޅިގެން ސޫރިޔާގެ ސަރަޙައްދީ އިމުން 10 ކިލޯމީޓަރު އެތެރޭގައި ހުކުރުދުވަހު ފޯރިމަރަން ފަށާނެކަމަށް ތުރުކީވިލާތިގެ ސަރުކާރުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ތުރުކީވިލާތުގެ ސިފައިން ސޫރިޔާގެ އުތުރަށް އެރީ އެ ހިސާބުގައި ތިބި ކުރުދީ ހަނގުރާމަވެރިންގެ ފަރާތުން ތުރުކީވިލާތަށް ނުރައްކާވާކަމަށް ބުނެއެވެ. އެ ދުވަހުގެ ޙަމަލާތައް ފެށުމުން ކުރުދީންނަށް މަދަދު ދެމުންދިޔަ އެމެރިކާގެ އެއްހާސް ސިފައިން ވަނީ އެ ހިސާބު ދޫކޮށްގޮސްފައެވެ.