ޚަބަރު

އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުން ދެކޮޅު ހަދައިފި


އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރު ބޮރިސް ޖޮންސަން ހުށަހެޅުއްވި ހުށަހެޅުމަކަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ދެކޮޅު ހަދައިފިއެވެ.

އަވަސް އިންތިޚާބެއް އަންނަ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ޖޮންސަން ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ހުށަހެޅުއްވުމުން އެކަމަށް ތާޢީދުކޮށްފައިވަނީ 650 މެންބަރުންގެ ތެރެއިން 299 މެންބަރުންނެވެ. އަވަސް އިންތިޚާބެއް ބޭއްވުމަށް ތިން ބައިކުޅަ ދެބައި މެންބަރުންކަމަށްވާ 434 މެންބަރުންގެ ތާޢީދު ބޭނުންވެއެވެ. މިއީ އަވަސް އިންތިޚާބެއް ބޭއްވުމަށް އެދި ޖޮންސަން ހުށަހެޅުއްވި 3ވަނަ ފަހަރެވެ.

މިފަހަރުވެސް އެކަމުގައި ނާކާމިޔާބުވެވަޑައިގަތުމުން ޖޮންސަންވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓް ބޭނުންނުވާ ގޮތަށް ޤާނޫނެއް ފާސްކުރަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލަ ކޮޅެއްގައި ޖެއްސުމުގައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީސް ނާކާމިޔާބުވެފައިވާ މައްސަލަ ޙައްލު ކުރެވޭނީ އަވަސް އިންތިޚާބެއް ބާއްވައިގެންކަމަށް ޖޮންސަން ދެކެވަޑައިގަންނަވައެވެ

އަވަސް އިންތިޚާބަކަށް ތާއީދުކުރައްވާނެކަމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން ވިދާޅުވެފައިވީނަމަވެސް ޑިސެންބަރު މަހުގެ ބާރަވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ޖޮންސަން ހުށަހެޅުއްވި ހުށަހެޅުމަށް ކޯބިންއާއި އޭނާގެ ލޭބާ ޕާޓީ ތާއީދުކޮށްފައެއްނުވެއެވެ.