ޢިރާޤުގެ ނަޖަފްގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރަމުންދިޔަ މުޒާހަރާތަކަށް ހިތްވަރުދިނުމުގެ ގޮތުން ޝިޔަޢީ ލީޑަރު މުޤްތަދާ އައްޞަދުރު މުޒާހަރާކުރާ މީހުންނާ ބައިވެރިވެވަޑައިގެންފިއެވެ. ޞަދުރު އޭނާގެ ކާރުކޮޅުގައި އިންނަވައިގެން މުޒާހަރާކުރާ މީހުންގެ ތެރެއިން އަތްހޫރުވަމުން ވަޑައިގެންވިތަން ފެނުމުން އެތައް ބަޔަކުވަނީ އުފާފާޅުކޮށްފައެވެ.
ޞަދުރަކީ ޢިރާޤުގެ މަޖިލީހުގައި އިދިކޮޅު ފަރާތްތައް ތަމްޞީލުކުރާ އެންމެ އިސް ސިޔާސީ ލީޑަރެވެ. އަދި ޞަދުރު މިހާރުވަނީ ދެވަނައަށް އެންމެ ބޮޑު އިދިކޮޅު ޒަޢީމުކަމުގައި ހާދީ އަލްޢަމީރީއާއި ގުޅިވަޑައިގެން ބޮޑުވަޒީރު އާދިލް ޢަބްދުލް މަހުދީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ތައްޔާރުވަމުންނެވެ. ޞަދުރުވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރު މަހުދީއަށް ގޮވާލައްވާފައެވެ. ނަމަވެސް މަހުދީ ވިދާޅުވެފައިވަނީ އަވަސް އިންތިޚާބެއް ބޭއްވުމަކީ އޭނާއަށް ކުރެއްވޭނެކަމެއް ނޫންކަމަށާއި އެކަން ކުރެވޭނީ ޤާނޫނުހަދާ މަޖިލީހަށްކަމަށެވެ.
ޞަދުރަށް އަމާޒުކުރައްވާ ދެއްވި ބަޔާނެއްގައި ބޮޑުވަޒީރު މަހުދީ ވިދާޅުވެފައިވަނީ މައްސަލައިގެ ޙައްލަކީ އޭނާ މަޤާމުން ދުރުކުރުން ކަމުގައިވާނަމަ ޞަދުރާއި އަމީރީ ގުޅިވަޑައިގެން އޭނާއަށް ދީފައިވާ އިތުބާރު އަނބުރާ ގެންދެވުމުން އައު ސަރުކާރެއް ވުޖޫދަށް ގެނެވޭނެކަމަށެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ބޮޑުވަޒީރުކަމުގެ މަޤާމަށް މަހުދީ ޢައްޔަނުކުރެއްވީ ޞަދުރުއާއި ދެބޭފުޅުންގެ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އެކަމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވުމަށްފަހެއެވެ. ޞަދުރަށް މަޖިލީހުގައި ހިމެނޭ ކޮމިއުނިސްޓުންނާއި އެހެނިހެން ކުދި ޕާޓީތަކުގެ ތާޢީދު އޮތްއިރު އަމީރީ ހުންނަވަނީ އީރާނަށް ތާޢީދުކުރާ ހަތިޔާރުއެޅި ޖަމާޢަތްތަކާއި އެހެނިހެން ގުރޫޕްތަކުގެ ވެރިއަކަށެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ނުލިބޭކަމަށްބުނެ އެތައްހާސް މީހުން ގެންދަނީ ވެރިރަށް ބަޣްދާދާއި ދެކުނުގައިވާ ބަޞަރާގެ އިތުރުން އެނޫންވެސް ރަށްތަކުގައި މުޒާހަރާކުރަމުންނެވެ. މުޒާހަރާތަކުގެ ތެރެއިން ހިނގާދިޔަ ހަމަނުޖެހުންތަކުގައި މިހާތަނަށް 250 މީހުންވަނީ މަރުވެފައެވެ.