ކުޅިވަރު

ފިލިޕީންސް އަދި ގުއާމް މެޗުގައި ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމު: ނައިބު ރައީސް


ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ރާއްޖޭގައި ކުޅޭ 2 މެޗުގައި ޤައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް އަންނަ މަހު ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ތަރުހީބު ހޯދުމުގެ ގޮތުން އިއްޔެ ވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ޓީމަކާއި އެފްއޭއެމްގެ ޓީމެއްގެ މެދުގައި ޙާއްސަ މެޗެއް ކުޅެފައެވެ.

މި މެޗަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިއަދު ދިވެހި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ ސަޕޯޓަރުން ތަރުހީބު ކަމަށާއި، އަންނަ މަހު 14 އަދި 19 ގައި ކުޅޭ މެޗަށް ގަލޮޅު ދަނޑު ފުރާލައި ދިވެހި ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމާލަން ޖެހޭކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ މިހާރު މި އޮތް ހިސާބުން ކުރިޔަށް ދެވޭނެކަމަށް ގިނަ ބަޔަކު ގަބޫލްކުރާކަމަށެވެ. އަދި އެފްއޭއެމްއާއި ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން ސަޕޯޓަރުން ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި ބޭނުންވާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، 80 ގެ އަހަރުތަކާއި 90 ގެ އަހަރުތަކުގައި އެންމެ ފޯރިއާއެކު މުޅި ރާއްޖޭގައި ކުޅެމުންއައީ ފުޓްބޯޅަ ކަމަށާއި، މި ކުޅިވަރަކީ ދިވެހިން އެންމެ ބޮޑަށް ލޯބި ކުރާ އަދި އެންމެ ސަމާލުކަން ދޭ ކުޅިވަރުކަމަށެވެ.

"އަންނަ މަހު 14 އަދި 19 ރާއްޖޭގައި ކުޅޭ މެޗަށް ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމު. ދިވެހި ހުރިހާ ސަޕޯޓަރުންވެގެން ދަނޑު އެއްއަޑަކުން ގުގުމާލަން އެބަޖެހޭ. އެފްއޭއެމްއާއި ސަރުކާރުން މަސައްކަތް ކުރިނަމަވެސް ސަޕޯޓަރުންގެ އެއްބާރުލުންވެސް މިކަމުގައި ބޭނުންވާނެ". ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ޤައުމީ ފުޓްބޯޅަ ޓީމު މާލޭގައި ކުޅޭ ދެ މެޗަށް ތަރުހީބު ހޯދުމުގެ ގޮތުން ޤައުމީ ޓީމުގެ ކޮމިޓީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.