ކުޑަކުދިން ބޭނުންކޮށްގެން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 3 މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އާންމުކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާއާއި ޢާއިލީ މައްސަލަތައް ރިޕޯޓު ކުރެވުނު މިންވަރު ވަނީ އިތުރުވެފައެވެ.
ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު 251 މައްސަލަ ހުށަހަޅާފައިވެއެވެ. އޮގަސްޓު މަހު ހުށަހަޅާފައިވަނީ 168 މައްސަލައެވެ. ސެޕްޓެމްބަރު މަހު ހުށަހެޅުނު މައްސަލައިގެ ތެރެއިން 125 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. މިއީ އޮގަސްޓު މަހާ އަޅާބަލާއިރު 24 މައްސަލައިގެ އިތުރުވުމެކެވެ. އޮގަސްޓު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 101 މައްސައެވެ.
މި މައްސަލަތަކުގެ ތެރޭގައި ކުޑަކުކުދިން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 3 މައްސަލަ އާއި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަވެސް ހިމެނެއެވެ.
މިދިޔަ މަހު ރިޕޯޓުކޯށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިދިޔަ މަހު އެފަދަ 37 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީމަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 23 މައްސަލައެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ދެން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނިއްކައާއި ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 24 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ކުޑަކުދިންނަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކާއި ނަފްސާނީ ހާނީއްކައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަތަކާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ މައްސަލަވެސް ރިޕޯޓު ކޮށްފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޙައްޤުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 7 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމާއި ވެކްސިން ނުދިނުމުގެ މައްސަލަތަކާއި އައިޑީކާޑާއި ޕާސްޕޯޓް އަދި އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލައެއްވެސް ހިމެނެއެވެ.
ސެޕްޓެމްބަރު މަހު ހުށަހެޅުނު ޢާއިލީ މައްސަލަތަކަށް ބަލާއިރު އޮގަސްޓު މަހަށްވުރެ 12 މައްސަލަ ވަނީ އިތުރު ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 26 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ދިމާވާ މައްސަލަތަކާއި ކުދިންނާ ބައްދަލުނުކުރެވޭ މައްސަލަތަކާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ މައްސަލަތަކެވެ.
މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.