ޚަބަރު

ޝިމާ ގެއްލުނު ސަރަހައްދު އަލުން ބަލަނީ


ލ ފޮނަދޫއިން އެ އަތޮޅޫ މާމެންދޫއަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އުމުރުން ނަވާރަ އަހަރުގެ އައިޝައތު ޝިމާ ގެއްލުނުކަމަށް ބުނާ ސަރަހައްދު ފުލުހުން އަލުން ބަލަން ފަށައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުނަދޫން މާމެންދުއަށް ދަތުރުކުރަނިކޮށް ޝިމާ ގެއްލުނީ، ޑިންގީ ބަންޑުން ޖަހާލައިގެންކަމަށް، ޝިމާއާއިއެކު ޑީންގީގައި ދަތުރުކުރި ފަޒީލް ބުނެއެވެ. މިމައްސަލައިގެ ތަޙުގީގު އަލުން ފަށާފައިވާއިރު މިހާތަނަށް ޝިމާ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުން އަލުން ފަށާފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ލ އަތޮޅުގައި ޝިމާ ހޯދަމުގެ މަސައްކަތެއް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޝިމާ ގެއްލުނު މައްސަލާގައި އޭނާއާއި އެކު ޑިންގީގައި ދަތުރުކުރަމުންދިޔަ ފަޒީލްގެ މައްޗައް ޝިމާގެ އާއިލާއިން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި މި މައްސަލާގައި ފަޒީލް ދައްކާ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އެނގޭކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތްތައްވެސް ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.

ޝިމާ ގެއްލުނު މައްސަލައިގެ ތަޙުގީގުގައި 46 ފަރާތެއްގެ ބަޔާން ނަގާ، އެ ހުރިހާ މީހުން ދެއްކި ވާހަކަތަކުގެ ތެދު ދޮގު ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ގއ.އަތޮޅުގެ 2 ފަޅުރަށްވެސް ފުލުހުން ވަނީ ބަލާފައެވެ.

ޝިމާ ހޯދުމަށް 17 ރަށެއް ވަނީ ބަލާފައެވެ. އަދި 9 ސީސީޓީވީ ފުޓޭޖާއި، ވައިގެމަގުން 10 މޭލު ސަރަޙައްދާއި، 1900 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއްވެސް ވަނީ ބަލާފައެވެ.

ފުލުހުން މިހާތަނަށް ބެލިބެލުމުން، ޝިމާގެ ފޯނުގެ ސިގްނަލް އެންމެ ފަހުން ޓްރޭސް ކުރެވިފައިވަނީ ހާދިސާ ހިނގި ހަތެއްޖަހާ އެހާކަންހާއިރު ޝިމާ ގެއްލުނުކަމަށް ބުނާ ސަރަހައްދުންނެވެ.