ޚަބަރު

ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙުމަދު ރާއްޖެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައްވެސް ވަނީ ބާއްވަވާފައެވެ. މި ވާހަކަތަކުގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާއި ރާއްޖޭގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމާއި ޢުމްރާނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެހީ ޖަޕާނުން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެޤައުމުގެ ރަސްމީ ފަރާތްތަކުގެ އިތުރުން އެޤައުމުގެ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ މުހިއްމު ފަރާތްތަކާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި މި ތާރީހީ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެޤައުމުތަކުގައި ރަނގަޅުފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.