ޚަބަރު

އަލްބަޣްދާދީ މަރާލެވިފައިވާކަން އެމެރިކާގެ ރައީސް ކަށަވަރުކޮށްދެއްވައިފި


އައިއެސްގެ ލީޑަރު އަބޫބަކުރު އަލްބަޣްދާދީ މަރާލެވިފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރިކޮށްދެއްވައިފިއެވެ. މިކަން އެމެރިކާގެ ރައީސް ކަށަވަރުކޮށްދެއްވީ ވައިޓްހައުސްގައި ދެއްވި ބަޔާނެއްގައެވެ.

ޓްރަމްޕް ދެއްވި ބަޔާނުގައި ވިދާޅުވީ އައިއެސްގެ ލީޑަރު މަރާލާފައިވަނީ އެމެރިކާއިން އޭނާއަށް އަމާޒުކޮށް ސޫރިޔާގައި ހިންގި ޚާއްސަ އަސްކަރީ ޙަރަކާތެއްގައިކަމަށާއި މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

ބަޣްދާދީ އަތުލައިގަންނަން ހިންގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ އައިއެސް ހަނގުރާމަވެރިން މަރާލެވިފައިވާކަމަށާއި އޭގެ ތެރޭގައި 2 އަންހެނުންނާ 3 ކުޑަކުދިން ހިމެނޭކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މަރުވި މީހުންގެ ޢަދަދު ޓަރްމްޕް ހާމަކުރައްވާފައެއްނުވެއެވެ.

ބަޣްދާދީގެ އަސްލު ނަމަކީ އިބްރާޙީމް އަވާދު އަލްބަދްރީ އައްސާމައްރައީއެވެ. އޭނާ އުފަންވެފައިވަނީ 1971ވަނަ އަހަރު ޢިރާޤުގެ އުތުރުގެ ރަށެއްކަމަށްވާ ސަމައްރާގައެވެ. 2003ވަނަ އަހަރު އެމެރިކާއިން ޢިރާޤާ ދެކޮޅަށް ޢުދުވާނީ ހަނގުރާމައެއް ފަށާ، އެމެރިކާ ސިފައިން ޢިރާޤަށް އަރާ، ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމުގެ ކުރިން ބަޣުދާދީ އުޅުނީ ޢިރާޤުގެ މިސްކިތެއްގެ އިމާމެއްގެ ގޮތުގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެހެން ފަރާތްތަކުން ބުނެފައިވަނީ ސައްދާމުގެ ވެރިކަމުގައި އޭނާ އުޅުނީ އަލްޤައިދާގެ ހަނގުރާމަވެރިއެއްގެ ގޮތުގައި ކަމަށާ އޭނާ އައިއެސްއާ ގުޅުނީ ފަހުންކަމަށެވެ.