ކުޅިވަރު

ފިލިޕީންސް އަދި ގުއާމް މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމު މެލޭޝިއާއަށް


ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕް ކުރުމަަށް އެ ޤައުމަށް ފުރައިފިއެވެ.

ގައުމީ ޓީމު މެލޭޝިއާއަށް ފުރިއިރު، ކޭމްޕް ނިންމާލުމަށްފަހު އެނބުރި ރާއްޖެ އަންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. މި ކޭމްޕްގައި މެލޭޝިޔާގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓްބޯޅަ ޓީމު ވަނީ ސައުދީގައިވެސް ކޭމްޕްކޮށްފައެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ގުއާމް އަތުން 0-1 އިންނެވެ. އޭގެ ފަހުން ޗައިނާ އަތުން އަމިއްލަ ޤައުމުގައި 0-5 އިން ބަލިވިއިރު، ސީރިޔާ އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެލޭޝިއާ ކޭމްޕަށް ފުރާފައިވަނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ. މިފަހަރުގެ ސްކޮޑުގައި ކްލަބު އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހިމަނާފައެވެ.

ކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީން ވަނީ މިއަދު އެފްއޭއެމް ހައުސްގައި ޓީމާ ބައްދަލުކޮށްފައެވެ.

މެލޭޝިއާއަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ ކޮލިފައިންގައި ގުއާމާ ދެކޮޅަށް ޒުވާން ޓީމެއް ނެރުނު ނަމަވެސް، ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން އަލުން ޓީމާ ގުޅުމަކީ ޓީމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން އޭނާ މަސައްކަތް ކުރަނީ އެވަގުތަކު ރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންނާއެކު ކުރިއަށް ދިޔުމަށް ކަމަށް ސެގާޓް ބުންޏެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.