ޚަބަރު

ތުހުމަތުކުރެވޭ މެމްބަރުންގެ ނަންތައް މަޖިލީހަށް ހާމަކުރައްވާ - ރައީސް ނަޝީދު


އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަރުކުރެވޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް ހާމަކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ޚިޔާނާތާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްވަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިޔާނަތާއި ގުޅޭ އާ ބައެއް މަޢުލޫމާތު ވަނީ ހާމަކޮށްފައެވެ.

އެގޮތުން 18 ވަނަ ރައްޔިތުން މަޖިލީހުގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގައި ހިމެނިވަޑާއިގަންނަވާ 16 މެމްބަރަކަށްވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީގީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލީޙުގެ އާމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ 19 ވަނަ ރައްޔިތުން މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއްކަމަށެވެ. އަދި މި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަޖިލީހުގެ ރައީސާއި މެމްބަރުންގެ އިތުރުން މަޖިލީހުގެ އިދާރާއިން އަންނަނީ ގަދަ އަޅާ މަސައްކަތްކުރަމުންނެވެ.

މި މަސައްކަތް ޔަގީންކޮށް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ދައުލަތުގެ ތަހުޤީގީ އިދާރާތަކުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭކަން އާއްމުކޮށްފައިވުމުން އެކަމާއި ކަންބޮޑުވުން އަމީން އާއްމު ވަނީ ފާޅުކުރައްވާފައެވެ.

އެހެންކަމުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މަޖިލީހުގެ މެމްބަރުންގެ ނަންތައް މަޖިލީހަށް އަންގަވާދެއްވުމަށް ކަމާއި ގުޅޭ އިދާރާތަކަށް މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވާފައިވާކަމަށް މަޖިލީހުގެ އާމީން އާއްމު ވިދާޅުވިއެވެ. އަދި މިކަމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތީ މިއަދުކަމަށްވެސް އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ ސިއްރު ކޮމެޓީއެއްގައި އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާމަކުރެއްވި ނަންތަކެއް އާއްމުވުމުން އެ މައްސަލަ ބެލުމުގެ މަސައްކަތްވެސް ރައްޔިތުން މަޖިލީހުން އަންނަނީ ކުރަމުންނެވެ.