ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް، މާޒިޔާއިން އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނަގައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބްރޭކްގެ ކުރިން ބޮޑު ލީޑެއް އެއްވަނައިގައި މާޒިޔާއިން ނަގައިފިއެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ލީގުގެ އެއްވަނައިގައި މާޒިޔާ އޮތީ މިހާތަނަށް ކުޅުނު 12 މެޗުން ހޯދި 29 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 11 މެޗު ކުޅެގެން ހޯދި 21 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސްއެވެ. އަދި ތިންވަނައިގައި 20 ޕޮއިންޓާއެކު އޮތީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 9 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭ އޮތީ 15 ޕޮއިންޓާ އެކު 5 ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާއިން އުފެއްދި ފުރަތަމަ ހަމަލާ ހަމްޒާ މުހައްމަދު ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް ދަ ގްރާންޑޭގެ ކީޕަރ މުހައްމަދު ފައިސަލް ވަނީ ދިފާޢުކޮށްފައެވެ. އޭގެ ފަހުން ދަ ގްރާންޑޭއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ދަ ގްރާންޑޭގެ ޒުވާން ފޯވާޑް އަޙުމަދު ހުސާމް ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އަތުގައި ޖެހިފަ ބޯޅަ ބޭރުވީ ހުރަސް ދަނޑީގައި ވެސް ޖެހިފައެވެ.

މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފު ފަށައިގެން 3 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ ޢަބްދުﷲއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަރިމަތިން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ދަ ގްރާންޑޭއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ޖެހި ބޯޅަ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި ދަ ގްރާންޑޭގެ އަހުމަދު އިމާޒްއަށް މެޗުގެ ފަހު ވަގުތު މާޒިޔާ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ބޭނުމެއް ނުހިފުނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނީ، މި މެޗުގައި ދަ ގްރާންޑޭއިން ކުޅުނީ ވަރަށް ރަނގަޅު ރޫހެއްގައި އޮވެ ކަމަށާއި އީގަލްސް ކަހަލަ ޓީމު ތަކާ ދެކޮޅަށް ކުޅޭ މެޗުތަކަށްވުރެ މާ ވަރުގަދައަށް މި މެޗުގައި ކުޅުނު ކަމަށެވެ. އަދި މެޗުން މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށް ސެކުލޮސްކީ ވަނީ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، މި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި ދޭތެރޭ މުޅިން ހިތްހަމަނުޖެހޭކަމަށާއި، މާޒިޔާ ކަހަލަ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ލަނޑު ޖަހަން ލިބޭ ހަނި ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭނެކަމަށެވެ. އަދި މި މެޗުން ބަލިވި ނަމަވެސް ބްރޭކަށްފަހު ޓީމު އެނބުރި އަންނާނީ ވަރުގަދަކޮށްކަން އިންމަ ފާހަގަކުރިއެވެ.

މި މެޗަށްފަހު ލީގުގެ ކުޅުނު 45 ދުވަހަށް މެދު ކަނޑާލާނެއެވެ. އެއީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ފިލި÷ޕީންސްއާއި ގުއާމްއާއި ދެކޮޅަށް ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ވަގުތު ދިނުމުގެ ގޮތުންނެއެވެ. ފިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗު އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭ އިރު ގުއާމްއާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މި ދެ މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ،

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުޅޭ މި ދެ މެޗަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމު މިރޭ މެލޭޝިޔާގައި ކޭމްޕްކުރުމަށް އެ ޤައުމަށް ފުރާނެއެވެ.