ޚަބަރު

އެއްވުންތަކުގައި ޤާނޫނާއި ޚިލާފު ކަންކަން ކުރަމުން އާދޭ - ފުލުހުން


ޤާނޫނީ އިމުގެ ތެރެއިން އެއްވުންތައް ބާވަމުން ގެންދިޔުމަށާއި ޤާނޫނާއި ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެގައިވަނީ މި ފަހަކަށް އައިސް ސުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމުކޮށް ކުރިޔަށް ގެންދިޔުމާއި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނާއި ޚިލާފު ޢަމަލުތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ިއމުގެ ބޭރުން އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދު ބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމުކޮށް ބާއްވަމުން ގެންދާ ބައެއް އެއްވުންތަކުގައި ޤާނުނާއި ހިލާފުކަންކަން ކުރަމުން އަންނަކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ޤާނޫނާއި އެއް ގޮތަށް ސުލްޙަވެރިކަމާއި އެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރި ފޯރުކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަޙައްދެއްގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ވަރަށް އިސްކަންދީގެން ބަލަހައްޓަމުން ގެންދާކަން ފުލުހުންގެ ބަޔާނުގައިވެއެވެ.

ސުލްޙަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން ލިބިދޭ މިނިވަންކަމުގެ ބޭނުންކުރުމުގައި ޤާނޫނީ އިމުގެ ތެރެއިން އެންމެހާ ކަންތައްކުުރުމަށް އެއްވުންތައް އިންތިޒާމު ކުރާ ފަރާތްތަކަށާއި އެއްވުމުގައ ބައިވެރިވާ ފަރާތްތަކަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނާއި ޚިލާފު އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށާއި ޤާނޫނާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤާނޫނީ އިމުގެ ތެެރެއިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.