ކުޅިވަރު

ވިކްޓްރީގެ ޙާލަތު ގޯހުން ގޯހަށް، މިއަދުގެ މެޗަށްވެސް ޓީމު ހަމައެއް ނުވި!


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ފ.ނިލަންދޫއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން އަނެއްކާވެސް މެޗު ކެންސަލް ވެއްޖެއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން މެޗު ކެންސަލްވިއިރު، އޭގެ ކުރިންވެސް ދެ މެޗަކަށް ވިކްޓްރީ ހާޒިރުވެފައެއް ނުވެއެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ކުޅެން އޮތް މެޗާއި ށ.ފޯކައިދޫއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓްރީ ހާޒިރުވެފައެއް ނުވެއެވެ. މިއީ މިދިޔަ ދެ އަހަރު ތެރޭ ވިކްޓްރީން ހާޒިރުނުވެދިޔަ ފަސް ވަނަ ފަހަރެއެވެ. އަދި މި ސީޒަނުގައި މެޗަކަށް ހާޒިރު ނުވި ހަތަރު ވަނަ މެޗެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު ސާޅީސްހާސް ރުފިޔާއިން ޖޫރިމަނާކުރި އެވެ. އަދި އޭގެ ފަހުން ށ.ފޯކައިދޫއާއި ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރު ނުވުމުގެ ސަބަބުން އެއް ލައްކަ ފަންސާސްހާސް ރުފިޔާއިން އެފްއޭއެމްއިންވަނީ އެ ކްލަބް ޖޫރިމަނާ ކޮށްފައެވެ.

މިދިޔަ މަހު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަވީ ކިރިޔާ އެވެ. އެ ދުވަހު ބަރާބަރު 11 ކުޅުންތެރިން ލައިގެން މެޗު ކުޅުނުއިރު، މިއަަދުގެ މެޗަށް އެ ޓީމުން ލިސްޓުގައި 11 ކުޅުންތެރިން ހަމަވި ކަމަށް ޖެހި ނަމަވެސް ދަނޑުގައި ތިބީ 10 ކުޅުންތެރިންނެވެ.

މިއަދު ނިލަންދޫއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުން، ނިލަންދޫއަށް ތިން ޕޮއިންޓް ލިބޭނެ އެވެ. އަދި ވިކްޓްރީ އަށް އަދަބެއް ވެސް އަންނާނެ އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާއާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެއެވެ.

މި މެޗަށްފަހު ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް އަމިއްލަ ޤައުމުގައި ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ 2 މެޗަށް ލީގުގެ ކުޅުން 45 ދުވަހަށް މެދު ކަނޑާލާނެއެވެ. ލީގުގެ ކުޅުން ދެން އަލުން ފަށާނީ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ.