އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ. 
އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ އޮފީހުން ބުނީ ދެ ޤައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ އެއްބަސްވުންތައް ޤާއިމްކުރުމަށް ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިއްޔެ ބޭއްވި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައެއް ކަންކަމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށެވެ. 
ވިޔަފާރީގެ މަޝްވަރާތަކުގައި ލިބުނު ކުރިއެރުމުގެ ތަފްސީލް ހާމަކޮށްފައި ނުވިނަމަވެސް، އިސް އޮފިޝަލުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. 
އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން މިއަންނަނީ، އަންނަމަހު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެ ޤައުމުންވެސް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އަންނަމަހު ޗިލީގައި އޮންނަ އިޤްތިޞާަދާބެހޭ ބައްދަލުވުމެއްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ޗައިނާއާއި އެމެރިކާގެ އޮފިޝަލުން ބުނެއެވެ 
ވިޔަފާރީގެ މައްސަލަތަކުގައި ޗައިނާއާއި އެމެރިކާއިން ސުލްހައިގެ މަޝްވަރާތައް ފަށާފައިވާއިރު އެމެރިކާއިން ވަނީ ޗައިނާއާ ދެކޮޅަށް ވިޔަފާރީގެ ގޮތުން ދަތިކުރުމަށް އިތުރު ފިޔަވަޅެއް ނޭޅުމަށްވެސް ނިންމާފައެވެ. އަދި ޗައިނާއިން ދަނީ އެމެރިކާގެ ކުންފުނިތަކާއެކު ކުރާ ވިޔަފާރީގެ މުޢާމަލާތްތައްވެސް އިތުރުކުރަމުންނެވެ. 
16 މަސް ދުވަސްވެފައިވާ އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، ވިޔަފާރީގެ ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ދަނީ ދެ ޤައުމަށް ގޮވާލަމުންނެވެ. އެހެން ނޫންނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް  ބޮޑަށް ނުރައްކާވެގެންދާނެކަމަށް އައިއެމްއެފްއާ ވޯލްޑް ބެންކުން ވަނީ ބުނެފައެވެ.