ޚަބަރު

ސޫރިޔާގެ ސަރުކާރާ އިދިކޮޅު ގްރޫޕްތަކުން ކުރުދީންގެ ސަރަޙައްދުތަކަށް ވަންނަންފެށުން


ތުރުކީވިލާތުގެ މަދަދު ލިބެމުންދާ ސޫރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ފަރާތްތަކުން ކުރިން ކުރުދީން ކޮންޓްރޯލްކުރަމުންދިޔަ ސަރަޙައްދުތަކަށް ވަންނަން ފަށައިފިއެވެ.

މިކަމާއެކު އެ ގްރޫޕްތަކުން ބުނެފައިވަނީ ތުރުކީވިލާތުން ބޭނުންވާ ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދު ނުވަތަ އަމާން ސަރަޙައްދު ޤާއިމުކުރަން އެމީހުން ތުރުކީވިލާތަށް އެހީތެރިކަން ފޯރުކޮށްދެނީކަމަށެވެ. ސޫރިޔާގެ އުތުރުގައިވާ ތަލްއަބްޔަޟްއާއި އެނޫންވެސް ރަށްތަކުން ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ފަހަތަށްޖެހެން ފެށީ އެމެރިކާއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތުރުކީ ސިފައިންގެ ޙަމަލާތައް މެދުކަނޑާލުމުންނެވެ.

އެއަށްފަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ރަޝިޔާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވްލަޑިމިރު ޕުޓިންއާއި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރުދީން ފަހަތަށް ޖެއްސުމަށް ރަޝިޔާއިންވަނީ އެއްބަސްވެފައެވެ. މިހެންކަމާއެކު ރަޝިޔާގެ އަސްކަރީ ބާރުތަކުންވެސް މިހާރުވަނީ ސޫރިޔާގެ އުތުރުގައި ޙަރަކާތްތެރިވާން ފަށާފައެވެ.

ތުރުކީވިލާތުގެ އެހީއާއެކު ސޫރިޔާގެ އުތުރުގައިވާ ތަލްއަބްޔަޟްއާއި ރަޢްސުލްޢައިންފަދަ ރަށްތަކުގައި ޙަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ގްރޫޕްތަކުން އަދިވެސް ބުނަމުންދަނީ އެމީހުންގެ އެންމެބޮޑު ދުޝްމަނަކީ ބައްޝާރުލް އަސަދުގެ ސަރުކާރުކަމަށެވެ.