ވެނެޒުއޭލާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމު ދޫކޮށް ޙިޖުރަކުރަމުންދާ ރައްޔިތުންގެ ޢަދަދު ފަސް މިލިއަނަށް އަރަން ގާތްވެފައިވާކަމަށް އދއާއި ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. ވެނެޒުއޭލާ ދޫކޮށް ގިނަ ޢަދަދެއްގެ މީހުން ޙިޖުރަކުރަމުންދާތީ އެމީހުން ބެލެހެއްޓުމުގެ ކަންކަމުގައި އަވައްޓެރި ޤައުމުތަކަށްވަނީ ބުރަތަކެއް އުފުލަންޖެހިފައެވެ.
2015ވަނަ އަހަރު ވެނެޒުއޭލާގައި ދާޚިލީ ހަމަނުޖެހުން ފެށުނުފަހުން އެ ޤައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެކި ޤައުމުތަކަށްދާ މީހުންގެ ޢަދަދު މިހާރުވަނީ 4.5 މިލިއަނަށްވުރެ މައްޗަށްގޮސްފައެވެ. ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއްނެތި ޤަވާޢިދާ ޚިލާފަށްވެސް އެތަކެއްހާސް މީހުން ބޯޑަރު ހުރަސްކުރާކަމަށް އދގެ ރެފިއުޖީންނާބެހޭ އޭޖެންސީގެ މަންދޫބު އެޑްވަރޑޯ ސްޓެއިން ވިދާޅުވިއެވެ. ވެނެޒުއޭލާ ދޫކޮށްދާ މީހުންގެ ޢަދަދު ދުވާލެއްގެ މައްޗަށް 5000އަށް އަރާކަމަށް ސްޓެއިންވަނީ ވިދާޅުވެފައެވެ.
ވެނެޒުއޭލާއިން ޙިޖުރަކުރާ މީހުން އެންމެ ގިނައިންދަނީ އަވަށްޓެރި ކޮލަމްބިޔާއަށްކަމަށާއި އެ ޤައުމުގައި މިހާރު ވެނެޒުއޭލާގެ 14 މިލިއަން މީހުން އެބަތިބިކަމަށް ސްޓެއިން ވިދާޅުވި.
އދއިން އިންސާނީ އެހީގެ ގޮތުގައި ވެނެޒުއޭލާއަށް މިއަހަރު 739 މިލިޔަން ޑޮލަރު ދީ ނިންމާނެކަމަށްވަނީ ބުނެފައެވެ. އޭގެ އަނެއް އަހަރު މި ޢަދަދު ދެގުނައަށް އިތުރުކުރަން އދއިންވަނީ ނިންމާފައެވެ.
ވެނެޒުއޭލާގެ އިޤްތިޞާދީ މައްސަލަތައް އިތުރަށް ގޯސްވަފައިވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެނެޒުއޭލާއިން އެކްސްޕޯޓްކުރާ ތެޔޮ ދުނިޔޭގެ ބާޒާރުގައި ވިއްކުމަށްވެސް އެތަކެއް ހުރަސްތައްވަނީ ކުރިމަތިވެފައެވެ.
ހުޅަނގު ދުނިޔެއިން ވެނެޒުއޭލާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ޢަމާޒަކީ އެ ޤައުމުގެ ވެރިކަމުން ނިކޮލަސް މަދޫރޯ ދުރުކުރުމެވެ. އެއަށްފަހު ވެނެޒުއޭލާގެ ވެރިކަމަށް އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ގެނައުމަށް އެމެރިކާއަށް ވާގިދޭ ޤައުމުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ. ގުއައިޑޯ ވެރިކަމަށް ގެންނަންޖެހޭ ސަބަބެއްކަމުގައި އެ ޤައުމުތަކުން ބުނަނީ އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ރައީސް މަދޫރޯ ވޯޓު އޮޅުވާލާފައިވާތީކަމަށެވެ.