ޚަބަރު

ޙަމަލާތައް ހުއްޓާލުމާއެކު ސޫރިޔާގެ ސަރަޙައްދުތަކަށް ހަމަހިމޭންކަން އަތުވެއްޖެ


ޙަމަލާތައް ހުއްޓާލުމަށް ތުރުކީވިލާތުން އެއްބަސްވި މުއްދަތު ފަހަނަޅައިވާއިރު ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާގުޅިފައިވާ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ހަމަހިމޭންކަން އަތުވެއްޖެއެވެ.

ހަމަހިމޭންކަން އައިސްފައިވަނީ އެ ސަރަޙައްދުތަކުގައި ކުރިން ތިބި ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ފޭބިކަން އެމެރިކާއިން ކަށަވަރުކޮށްދިންކަން ތުރުކީގެ ދިފާޢީވުޒާރާއިން ހާމަކޮށްފައިވަނިކޮށެވެ. މިއާއެކު ތުރުކީގެ ދިފާޢިވުޒާރާއިންވަނީ އެމެރިކާއިން އެގޮތަށް އަންގާފައިވާތީ ސޫރިއާގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް އިތުރަށް ކުރިޔަށް ގެންދިޔުމުގެ ބޭނުން މިވަގުތުނެތްކަމަށް ބުނެފައެވެ. ނަމަވެސް ވައިޕީޖީ ހަނގުރާމަވެރިން ފޭބިކަން ކަށަވަރުކުރާނެކަން ތުރުކީގެ ދިފާޢީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިއާއެކު ތުރުކީވިލާތުންވަނީ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އަސްކަރީ އޮބްޒަވޭޝަން މަރުކަޒުގެ ބާރަ މަރުކަޒު ޤާއިމުކުރުމަށް އެ ޤައުމުން ކުރިން ރާވާފައިވާ ޕްލޭން އަލުން މުރާޖަޢާކުރުމަށް ނިންމާފައެވެ.

ސޫރިޔާގެ އިރުއުތުރު ސަރަޙައްދުތަކުގެ މުސްތަޤްބަލާމެދު މަޝްވަރާކުރުމަށް ތުރުކީވިލާތާއި ރަޝިއާގެ ރައީސުން އަންގާރަދުވަހު ސޯޗީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި ވްލަޑިމީރު ޕުޓިންވަނީ ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގާ ގުޅިފައިވާ ސޫރިޔާގެ ސަރަޙައްދުތަކުން ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިންނަށް ޖާގަ ނުދިނުމަށް އެއްބަސްވެވަޑައިގެންފައެވެ. ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުން ވައިޕީޖީ ހަނގުރާމަވެރިން ބޭލުމަކީ މިމަހުގެ ނުވަވަނަ ދުވަހު ތުރުކީ ސިފައިން ފެށި އަސްކަރީ ޙަރަކާތްތަކުގެ މައިގަނޑު މަޤްޞަދުކަމަށްވެފައި، މި މަޤްޞަދު މިހާރު ޙާޞިލްކުރެވިފައިވާތީ މިއީ ތުރުކީވިލާތަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށް މުރާސިލުންވަނީ ސިފަކޮށްފައެވެ.