ޚަބަރު

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު އިދްލީބަށް ވަޑައިގެންފި


ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު އިދްލީބުގައި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަށް ވަޑައިގެން ސިފައިންގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

އިދްލީބު އޮންނަނީ ސޫރިޔާގެ ހުޅަނގުއުތުރުން ތުރުކީވިލާތުގެ ސަރަޙައްދާ އިންވެގެންނެވެ. މިހެންކަމާއެކު، އިދްލީބުގައި ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޙައްދުފަހަނައެޅި ހަނގުރާމަވެރިންނަށް ތުރުކީވިލާތުގެ ތާޢީދު އޮންނަކަމަށް އެތަކެއް ޚަބަރުފަތުރާ ވަސީލަތްތަކުންވަނީ ބުނެފައެވެ.

އިދްލީބު ޕްރޮވިންސްގެ ޙުބައިތް ޓައުންގައި ރައީސް ބައްޝާރުލްއަސަދު އުޅުއްވާތަން ފެންނަ ވީޑިއޯތައް ސޫރިޔާ ޓީވީންވަނީ އާއްމުކޮށްފައެވެ. ރައީސް އަސަދު އިދްލީބު ޕްރޮވިންސްގައި އުޅުއްވަމުންދިޔައިރު އޭނާގެ ވަށައިގެން ސިފައިން ތިބޭތަން ފެނެއެވެ. އިދްލީބުގައި އޮންނަ ޙުބައިތް މިހާރުވަނީ ސޫރިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ.
ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް އެ ރަށް ގެނައުމަށް ރަޝިޔާގެ އަސްކަރީ އެހީވަނީ ލިބިފައެވެ. ސޫރިޔާގެ އުތުރަށް ޙަމަލާދީފައިވާތީ ތުރުކީވިލާތުގެ ރައީސް ރަޖްބް ޠައްޔިބު އުރުދުޣާންއަކީ ރަނގަޅު ބޭފުޅެއް ނޫންކަމަށް ބައްޝާރުލްއަސަދު ވިދާޅުވިއެވެ.

8 އަހަރުދުވަހުގެ ހަނގުރާމައިގައި ސޫރިޔާ ސަރުކާރަށް ގެއްލުނު ހުރިހާ ބިންތައް އަލުން ހޯދާނެކަމަށް ރައީސް ބައްޝާރުލްއަސަދުވަނީ ވިދާޅުވެފައެވެ. އިދްލީބުގައި ތިބި ހައްދުފަހަނައެޅީ ހަނގުރާމަވެރިންގެ އެހީގައި ތުރުކީވިލާތުންވަނީ ސޫރިޔާގެ އުތުރުގައި ކުރުދީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. ނަމަވެސް ފަހުން އެކަންވަނީ މެދުކަނޑާލާފައެވެ. ސޫރިޔާ ސިފައިންނަށް އިދްލީބު ހިފިއްޖެނަމަ އެކަން ވެގެންދާނީ ރައީސް ބައްޝާރަށް ލިބޭ ބޮޑު ކާމިޔާބަކަށެވެ. ސޫރިޔާގެ ސަރުކާރަށް ގެއްލުނު އެތަކެއް ބިންތައް މިހާރު އެ ޤައުމުންވަނީ ރަޝިޔާއާއި އީރާނުގެ އެހީގައި އަލުން ހޯދާފައެވެ.