ޚަބަރު

ޔޫ.އޭ.އީއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ނާއިބް ރައީސް މަޝްވަރާކުރައްވައިފި


ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އާއި ރާއްޖެއާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވޭނެ ގޮތްތަކާއި ގުޅޭގޮތުން ޔުނައިޓެޑް ޢަރަބި އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މިކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވަނީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް ޔޫ.އޭ.އީ.ގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޤާއިމުކުރާ އެޤައުމުގެ އެމްބަސީގެ މަސައްކަތް ފެށިގެންދިއުމާއެކު ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ވައިގެ އުދުހުންތަކުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެކަމުގެ މަންފާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެޤައުމުގެ އެމްބަސީއެއް ހުޅުވިގެންދިއުމުން ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަންވެސް ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތަކުގައި މާލެއާއި އަތޮޅު ތެރޭގައި އޮތް ފަރަގު ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މެދުގައި ކުލުނާއި ލޯބި އާލާކޮށް، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ލޯތްބާއެކު ކަންކުރުމުގެ ސަޤާފަތެއް އާލާކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތް ތަކުގެ މައްޗަށްވެސް ނާއިބް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ ފަރާތްތައް ބަލަހައްޓާ މަރުކަޒެއް ތަރައްޤީކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ނާއިބް ރައީސް އަލިއަޅުއްވާލެއްވިއެވެ.