މުނިފޫހިފިލުވުން

ލޭޑީ ގާގާ އަދި އޭކަން ބައްޕީއާއި އެކު ހިންދީ ލަވައެއް


ހިންދީ ލެޖެންޑަރީ މިއުޒިކް ޑިރެކްޓަރ ބައްޕީ ލެހެރީ ލޭޑީ ގާގާ އަދި އޭކަން އާއި އެކު ލަވައެއް ނެރެން ތައްޔާރުވެއްޖެއެވެ. ހިންދީ މަޝްހޫރު އެތައް ލަވަތަކަށް މިއުޒިކް ހަދާ އެތައް ލަވަތަކެއް ކިޔާފައި ބައްޕީ ލެހެރީ އަންނަނީ އޭނާގެ މިއުޒިކީ ދާއިރާގައި ރަންޔޫބީލް ފާހަގަކުރަމުންނެވެ.

ބައްޕީ ލެހެރީ ވަނީ ލޭޑީ ގާގާ އާއި އޭކަން އާއި އެކު އެނާ ކިޔާފައިވާ ލަވަތައް މި އަހަރު ފަހުކޮޅު އިވިގެންދާނެކަން އިއުލާންކޮށްފައެވެ. ހަބަރުތައް ބުނާ ގޮތުން ބައްޕީ މި ދެ ލަވަކިޔުންތެރިންނާއި އެކު ލަވަ ރިކޯޑްކޮށްފައިވަނީ ވަކިވަކިންނެވެ. މި ދެ ލަވައިގައި ލޭޑީ ގާގާ އަދި އޭކަންވެސް އިނގިރޭސިން ލަވަކިޔާއިރު ބައްޕީ އެ ލަވަތަކުގައި ބައިވެރިވާ ބައި އިންނާނީ ހިންދީ ބަހުން ބައްޕީގެ ސްޓައިލަށެވެ.

ޑިސްކޯ ފީލްތަކުގެ މިއުޒިކާއި ލަވަތައް އުފައްދާފައިވާ ބައްޕީގެ މި ލަވައިގައިވެސް މިއުޒިކް ހުންނާނީ އެ ފީލްގައިކަމަށްވެއެވެ. ލޭޑީ ގާގާ އާއި އޭކަން އާއި އެކު ނެރޭ ލަވައިގެ އިތުރުން މާރޓިން ބްރާދާސް އާއި އެކު ބައްޕީ ލެހެރީ އަންނަނީ އޭނާގެ އެންމެ މަޝްހޫރުވި އެއް ލަވަކަމަށްވާ ޑިސްކޯ ޑާންސާގެ ރީމިކްސްއެއްވެސް ހަދަމުންނެވެ.

އުމުރުން 66 އަހަރުގެ ބައްޕީ ލެހެރީ ވަނީ 600 ވުރެ ގިނަ ފިލްމަށް 9000 ވުރެ ގިނަ ލަވަ ހަދާދީ ލަވަކިޔާފައެވެ.