ސޫރިޔާގެ އިރުއުތުރުގައިވާ ތެޔޮވަޅުތައް ޙިމާޔަތްކުރަން އެމެރިކާގެ ބައެއް ސިފައިން ބައިތިއްބަން ވިސްނަމުންދާކަމަށް ޕެންޓެގަންއިން ބުނެފިއެވެ.
ސޫރިޔާގައި ބައިތިއްބާ އެމެރިކާ ސިފައިން ޙަރަކާތްތެރިވަމުންދާނީ ކުރުދީން އުފައްދާފައިވާ ސީރިޔަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)އާއި އެކުކަމަށް ޕެންޓަގަން ހިންގެވުމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވި މާރކް އެސްޕަރ ވަނީ ވިދާޅުވެފައެވެ. މީގެ ބޭނުމަކީ އައިއެސް ހަނގުރާމަވެރިން ތެލުގެ ކޮންޓްރޯލް އަތުލިޔަ ނުދިނުންކަމަށް ޑިފެންސް ސެކްރެޓަރީ އެސްޕަރ ވިދާޅުވިއެވެ.
ސޫރިޔާގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެންގެވުމާއި ގުޅިގެން އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން މިހާރު ދަނީ ބޯޑަރު ހުރަސްކޮށް ޢިރާޤަށް ވަންނަމުންނެވެ. އެމެރިކާގެ ސިފައިން ސޫރިޔާއިން ގެންދަން ނިންމުމާއި ގުޅިގެން ތުރުކީވިލާތުން ވަނީ ކުރުދީންގެ އެސްޑީއެފް އާއި ދެކޮޅަށް ޢަސްކަރީ ޙަރަކާތެއް ފަށާފައެވެ. އައިއެސްއާއި ހަނގުރާމަކުރަން ކުރުދީންނަށް އެހީވުމުގެ ގޮތުން އެމެރިކާ ސިފައިން ސޫރިޔާގައި ތިބޭތާ އެތައް އަހަރެއް ވަނީ ވެފައެވެ.
ހޯމަ ދުވަހު އެމެރިކާ ސިފައިންގެ 100އަށް ވުރެ ގިނަ އެއްގަމު އުޅަނދު ބޯޑަރު ހުރަސްކޮށް ޢިރާޤަށް ވަދެފައިވާ ކަމަށް ޕެންޓަގަނުންވަނީ ބުނެފައެވެ.
ތުރުކީވިލާތުން ކުރުދީންނާ ދެކޮޅަށް ހިންގަމުންދިޔަ ޢަސްކަރީ ޙަރަކާތް 5 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ނިންމާފައި ވަނީ އެ ޤައުމުން އެމެރިކާއާއި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ތުރުކީވިލާތުން ޙަމަލާތައް ހުއްޓާލަން ނިންމި މުއްދަތު އަންގާރަ ދުވަހު ހަމަވާއިރު ރައީސް ރަޖްބް ޠައްޔިބު އުރުދުޣާން ގެންދަވަނީ ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިންއާ ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ދަތުރުކުރައްވަމުންނެވެ.