ޚަބަރު

ޕެންޓެގަންގެ ވެރިޔާ އެސްޕަރ ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފި


ޕެންޓެގަންގެ އެންމެ އިސްވެރިޔާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕަރ ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. އެސްޕަރ ސަޢުދީއަށް މިވަޑައިގަތީ އެމެރިކާއާއި އީރާނާ ދެމެދު މައްސަލަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެސްޕަރގެ މިދަތުރުފުޅުގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންވެސްވަނީ ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއްކުރައްވާފައެވެ.

ރަޝިޔާއިން ގެންދަނީ މެދުއިރުމަތީގައި އެ ޤައުމުގެ ނުފޫޒުގަދަކުރުމުގެ މަސައްކަތްކުރަމުންކަމަށް އެމެރިކާއިން ދެކެއެވެ. އެސްޕަރ ސަޢުދީއަށް ވަޑައިގަތުމާއެކު އެންމެ ފުރަތަމަ ބައްދަލުކުރެއްވުން އޮތީ އެ ޤައުމުގައި ތިބި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސްވެރިންނާއެވެ.

އެމެރިކާއިން ސަޢުދީ ޢަރަބިއްޔާގައި ޤާއިމުކޮށްފައި އޮންނަ ސެންޓްރަލް ކޮމާންޑްގެ މައިގަނޑު ޒިންމާއަކީ އެމެރިކާއިން މެދުއިރުމަތީގައާއި އަފްޣާނިސްތާނުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތައް ރާވާ ހިންގުމެވެ. އެސްޕަރގެ މިދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީޢަހުދު މުޙަންމަދު ބިން ސަލްމާންއާއި ބައްދައލުކުރައްވާނެކަމަށް ބެލެވެއެވެ. އެސްޕަރ މިހާރުވަނީ ސަޢުދީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޚާލިދު ބިން ސަލްމާންއާއި ބައްދަލުކުރައްވާފައެވެ.

އީރާނާ ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ގުޅުން އިތުރަށް ގޯސްވެފައިވަނީ ސެޕްޓެމްބަރު މަހު ސަޢުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދެވުނު ޑްރޯން ޙަމަލާތަކާ ގުޅިގެންނެވެ. އެއަށްފަހު ސަޢުދީގެ ދިފާޢު ވަރުގަދަކޮށްދިނުމަށް އެމެރިކާއިން އެ ޤައުމަށް ފޮނުވާފައިވާ ސިފައިންގެ ޢަދަދު މިހާރު ވަނީ 3000އަށް އަރާފައެވެ.